މިއީ ރައްޓެއްސަކަށް ދިމާވި ހާދިސާއެކެވެ. މިހާދިސާ ލިޔެފައި މިވަނީ އޭނާ ކިޔައިދިން ގޮތަށެވެ.

2017 ވަނަ އަހަރުގެ ޑިސެންބަރު މަހު ފިރިމީހާ އާއި އަހަރެމެންގެ 7 އަހަރުގެ ދަރިފުޅު ގޮވައިގެން އިންޑިއާގެ ކޮޗިނަށް ދިޔައީ ދަރިފުޅު ޑޮކްޓަރަށް ދައްކާލުމަށެވެ. ކޮޗިނުގައި އަހަރެމެން ތިބީ ވަރަށް ރީތި ބޮޑު ހޮޓަލެއްގައެވެ. ރެސްޓޯރެންޓާއި ސުވިމިންޕޫލުގެ އިތުރަށް ޖިމް އެއްވެސް މި ހޮޓަލުގައި ވެއެވެ. ޔޫރަޕު ހިސާބުތަކުން އައިސް އުޅޭ ދޮންކުލައިގެ މީހުންވެސް މި ހޮޓަލުގައި ފަތުރުވެރިންގެ ގޮތުގައި ތިއްބެއެވެ.

އަހަރެމެން ކޮޓަރި ގަތީ ހެނދުނުގެ ނާސްތާ އާއިވެސް އެކުގައެވެ. އެހެންވުމުން ޑޮކްޓަރަށް ދެއްކުމާއި ބޭރަށް ދިއުމަށް ވަރަށް ފަސޭހަ ވިއެވެ. ސައިބޯނެ ހޮޓާތައް ނުހުޅުވައިގެން އުޅޭކަން ނުޖެހުނެވެ. އަދި ރަނގަޅު ސައިބޯނެ އެއްޗެއް ލިބޭނެ ތަނެއް ހޯދަން ދުއްވާކަށް ވެސް ނުޖެހެއެވެ.

އަހަރެމެން ހޮޓަލުގައި ތިބޭތާ ތިންވަނަ އަށްވީރޭ ނިދާފައި ތިއްބާ ޖެހިގެން ހުރި ކޮޓަރިން އަންހެނަކު ވަރަށް ބާރަށް ރޯ އަޑު އިވެން ފަށައިފިއެވެ. އަހަރެން ނަކީ ވަރަށް ނިދި ބަލި މީހެއްކަމުން އެ އަޑު އިވުމާއެކު ހޭލެވިއްޖެއެވެ. ތެދުވެ ގަޑި ބަލާލި އިރު ދަންވަރު ބާރަ ގަޑި ބައި ވީއެވެ. މި އަންހެންމީހާ ރޮމުން ގިސްލަމުން ގޮވަނީ އަހަންނަށް ތިހެން ނުހަދާށެވެ. ދިވެހި ބަހުން މިގޮތަށް ރޮއި އާދޭސް ކުރާ އަޑު އިވުމުން އަހަރެން ވަރަށް ބިރު ގަތެވެ. އެހެންކަމުން ފިރިމީހާ އަށް ގޮވައިފީމެވެ. އޭނާ ގަދަ ނިދީގައި އޮތުމުން ހޭލައި އެ އަޑު އަހާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް އަހަންނަކަށް ހަމަ އެއްގޮތަކަށްވެސް ނިދޭ ގޮތެއް ނުވިއެވެ. އެ އަންހެންމީހާގެ ރުއިމާއި ގިސްލުމުގެ އަޑުންނެވެ. އަދި މީގެ އިތުރަށް އެ ކޮޓަރީގެ ދޮރު ހުޅުވާ، ލައްޕާ އަޑުވެސް އިވެއެވެ. އަދި ކޮޓަރީގެ ތެރެއިން ފާޚާނާ ދޮރު ބާރު ބާރަށް ހުޅުވާ ލައްޕާ އަޑުވެސް އިވޭހެން އަހަރެންނަށް ހީވެއެވެ. އެހެން ނަމަވެސް މި ރޮއި އާދޭސް ކުރާ އަންހެން މީހާގެ އަޑު ނޫން އެހެން މީހެއްގެ އަޑެއް ނީވެއެވެ. އޭނާ ރޮއި އާދޭސް ކުރަމުން ދެއްކި ވާހަކަތައް މިހާރުވެސް އަހަރެންގެ ކަންފަތުގައި ހަރުލާފައި ހުރިހެން ހީވެއެވެ. އޭނާ ރޮމުން ގޮވައެވެ. ޔުމްނާއެވެ! އަހަންނަށް ތިހެން ނުހަދާށެވެ. އަހަރެން ދެން ދުވަހަކުވެސް މީހަކުގާތު ލާރިދޭށެކޭ ނުބުނާނަމެވެ. މިގޮތަށް ވަރަށް ބާރަށް ރޮއި ހަޅޭވެސް ލަވައެވެ. މި ކަމާހުރެ ފަތިސް ވަންދެން އަހަންނަށް ނުނިދިފައި އޮވެވުނެވެ. ފަތިސް އަތަށް އެޅި އިރަށް މި އަޑުތައް ކެނޑި ހަމަ ހިމޭން ވެއްޖެއެވެ. ދެން އަހަރެންވެސް ފަތިސްނަމާދު ކޮށްލައިގެން ނިދީއެވެ. އަނެއް ދުވަހު ހެނދުނު ސައިބޯން ނުކުމެ އަހަރެން އެކޮޓަރިއާ ދިމާއަށް ބެލީމެވެ. މީހަކު ނުކުމޭތޯއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ދެން އުޅުނީ ފިރިމީހާ ގާތު ބުނެގެން ރިސެޕުޝަނުން މައުލޫމާތު ހޯދާށެވެ. އެކޮޓަރީގައި ތިބީ ކޮންބައެއްތޯ ބަލާށެވެ. ނަމަވެސް ފިރިމީހާ އެކަމަށްވެސް އިންކާރު ކުރިއެވެ.

އެދުވަހު ހަވީރު އަހަރެމެން ގެއަށް އައިއިރުވެސް އެކޮޓަރީގައި އުޅޭ ބަޔަކު ފެންނަ ގޮތެއް ނުވިއެވެ.

ޖެހިގެން އައި އަނެއްރޭވެސް ހަމަ އެގަޑީގައި އެއްކަލަ އަންހެންމީހާ ރޮއި އާދޭސް ކުރަން ފަށައިފިއެވެ. އޭނާގެ އާދޭހުގައި ވަނީ ވޭނާއި ގިސްލުމުގެ އަޑެވެ. މިރޭ ފިރިމީހާވެސް ހޭލައިފިއެވެ. ނަމަވެސް އޭނާ ބުނީ އަޅާ ނުލުމަށެވެ. އެކަހަލަ ކަންތައްތަކާ ރަނގަޅުވާނީ ނުބެހުނިއްޔާ ކަމުގައި އޭނާ ބުންޏެވެ. ނަމަވެސް އެ އަޑު އިވުން ނުކެނޑެނީހެއް އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ.

އަނެއްދުވަހު މެންދުރެއްހާއިރު އެކޮޓަރީ ދޮރުމަތީގައި ހުރި ދިވެއްސަކު ފެނުނެވެ. ދެބައި އުމުރުގެ އަންހެނެކެވެ. ބޮޑު ހެދުންލާ ރީތިކޮށް ބުރުގާ އަޅާ ވަނާތައް ނިވާކޮށްގެން ހުރި އަންހެނެކެވެ. އެހެން ނަމަވެސް އަހަންނަކަށް އޭނާ އާ ވާހަކަ ދައްކާލަން ދާކަށް ނުކެރުނެވެ. ފިރިމީހާވެސް އެކަމާ ގަބޫލެއް ނޫނެވެ. ތިންވަނަ ރޭވެސް ހަމަ އެގަޑީގައި އެއްކަލަ ރުއިމާއި އާދޭސް ކުރުމުގެ އަޑު އިވެން ފަށައިފިއެވެ. މިރޭ އިތުރު އެހެން އަންހެނެއްގެ އަޑު އިވެން ފަށައިފިއެވެ. އޭނާ ބުނަނީ ދެން ކެތްކޮށްލާށެވެ. މިރޭ ނިމުނީމަ ދެން މި ނިމުނީ އެވެ. ނަމަވެސް އެ ރޯ އަންހެނެއްގެ ރުއިމާއި ގިސްލުމުގެ އަޑެއް ނުކެނޑެއެވެ. ރޮމުން ފާޚާނާއަށްވެސް ވަންނަ އަޑު އިވެއެވެ.

އެރެއަށް ފަހު އެކަންތައް ނިމިއްޖެއެވެ. އެހެންނަމަވެސް އަހަރެންގެ ހިތަކުން އެ އިވުނު އަޑުތަކެއް ފިލައިގެނެއް ނުދިޔައެވެ. އަދި އެއަންހެންމީހާ ރުއި ސަބަބު ނުހޯދުނީތީ ދެރަވިއެވެ. އެންމެ ކުޑަމިނުން އެއީ ކޮންބައެއްތޯވެސް ބަލާ ނުލެވުނެވެ. މާލެ އައިސް ރައްޓެހީންނަށްވެސް މިވާހަކަ ކިޔައިދިނީމެވެ. ރައްޓެހިން ބުނަނީ ތިމަންނަމެންނަމަ، އެއީ ކޮން ބައެއްތޯ ބެލީސް ކަމަށެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. އަހަރެންގެ ހިތުން އެހާދިސާ ފިލާ ނުދިޔަސް އެ ވީކަމެއް ނުބެލުނީތީ މިހާރު ދެރަވެއެވެ.