ކަންނެތް ކަމާބެހޭގޮތުން ވާހަކަދައްކަމާ ހިނގާށެވެ. ކަންނެތް ކަން ފިލުވައި އުފެއްދުންތެރި މީހަކށް ވުމާމެދު ވިސްނާލިން ހެއްޔެވެ؟

ތިރީގައި މިވާ ކަންކަމުން އެއްވެސް ކަމަކުން ތިބާ ސިފަ ވޭހެއްޔެވެ؟

- ގަޑި ސޯނާވީމާ ނިވާލާފައި ކުރުގެޅިލައިގެން އަދި ކުޑައިރުކޮޅަކު އެނދުގައި އޮށޯވެލާހިތް ވޭހެއްޔެވެ؟

- "ޕްލޭން" ތައް ހަދާފައި ޓީވީ ބެލުން ނުވަތަ އަރާމު ކުރުމުގައި މުޅި ދުވަސް ހޭދަވޭ ހެއްޔެވެ؟

- ކޮންމެދުވަހަކުވެސް ނިދަން އޮށޯވެފައި ދުވަސް ބޭކާރުވީކަން ހިތަށް އަރައި އަނެއްދުވަހު އެހެން ކަންތައް ވިޔަ ނުދިނުމަށް އަޒުމު ކަނޑައަޅަން ހެއްޔެވެ؟ އެހެންނަމަވެސް އަނެއް ދުވަސްވެސް ވަނީ ކުރީދުވަހެކޭ އެއްގޮތަށް ހެއްޔެވެ؟

- އެއްވެސް ކަމެއް ނުކުރެވިގެން އުޅެނިކޮށް ދުވަސް މާއަވަހަށް ނިމޭހެން ހީވޭހެއްޔެވެ؟

އެއްވެސް މީހަކީ ދުނިޔެއަށް އުފަންވާއިރު ކަންނެތް މީހެއް ނޫނުވެ. ކަންނެތް ކަމަކީ ދަސްވާކަމެކެވެ. މީހާގެ ކިބައިގައި އަށަގަންނަ ކަމެކެވެ. ވިސްނުމަށް ގެންނަ ބަދަލަކުން ނުވަތަ ކަންކަމާމެދު ދެކޭ ގޮތް ބަދަލު ކޮށްލުމުން ކަންނެތްކަމަށް ހައްލެއް ހޯދިދާނެއެވެ. ކަންނެތްކަން ފިލުވާލުމަށް ޖާދޫ އެއް ނުވަތަ ބޭހެއް ބޭނުމެއް ނުވެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް އަދި ދުވަސް ރާވާ ގޮތުން ކަންނެތްކަމުން ދުރުވެ އުފެއްދުންތެރި މީހަކަށް ވެވިދާނެއެވެ.

ތިމާ ކަންނެތްވަނީ ކިހިނެއްވެގެންކަން ދެނެގަތުން

ކަންނެތް ކަމަކީ އަސްލު މައްސަލައެއް ނޫނަސް އެހެން ކަމެއްގެ ނަތީޖާ ކަމަށް ވެދާނެއެވެ. ތިމާ ކަންނެތް ވުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރެދާނެއެވެ. މީގެ ތެރެއިން އާންމު ބައެއް ކަންކަމަކީ:

އެއްފަހަރާ މާ ގިނައިން ކަންކަން ކުރަން ރޭވުން.

ކަންކަން ހިސާބަށްވުރެ ގިނަވުމުން ފަށާނީ ކޮންކަމަކުންކަން ނޭނގި ހާސްވާގޮތް ދިމާވެއެވެ. އުފެއްދުންތެރިވުމަށްޓަކައި ފަށާނެ ތަނެއް ފަށާނެގޮތެއް ވިސްނުމަށް ވަގުތު ބޭކާރުނުކޮށް ފެށެން ހުރި ކަމަކުން ފަށާނީއެވެ.

ކަމެއް ކުރުމަށް ފެށުމުމުގެ ކުރިން އެކަން ތަފުޞީލުކޮށް ނުރާވާށެވެ.

މަސައްކަތް ކުރަން ފަސޭހަ ގޮތަކަށް، އޭރަކަށް، އެވަގުތަކަށް އެންމެ ރަނގަޅުވާނެ ގޮތަކަށް ފަށާށެވެ. އަދި ހައެހެންމީހުންގެ އެހީތެރިކަން ހޯދުމަށް ލަދުނުގަންނާށެވެ.

މާބޮޑަށް ވަރުބަލިވުން

އެއްވެސް މީހަކަށް އަރާމެއްނެތި ހަފުތާގެ ހަތް ދުވަހު ސައުވީސް ގަޑިއިރު މަސައްކަތެއް ނުކުރެވޭނެއެވެ. ތިބާގެ ހަށިގަނޑަށް ނިންޖާއި އަރާމު ބޭނުންވާނެކަމަށް ގަބޫލުކުރަންވާނެއެވެ. އަދި ތައްޔާރީ ކާނާގެ ބަދަލުގައި ގޭގައި ކައްކައިގެން ކެއުމުން ޞިއްޙަތަށް ފައިދާ ކުރާނެއެވެ.

ކަމަކާ މެދު ދެރަވެފައި ހުރުން

ތިމާ ކަމަކާ "ސްޓްރެސް" ނުވަތަ ކަންބޮޑުވެފައި ހުރެއްޖެނަމަ، އެއްވެސްކަމަކަށް ސަމާލުކަމެއް ނުދެވޭނެއެވެ. އުފެއްދުންތެރި މީހަކަށް ވާން ބޭނުންނަމަ ސިކުނޑި ހަމަޖެހުމަކީ ބޭނުންތެރިކަމެކެވެ.

އިނދިކޮޅު ޚިޔާލުތައް ދޫކޮށް ރަނގަޅަށް ކަންތައްވާނެކަމަށް ވިސްނާ މީހަކަށް ވާށެވެ.

ބޯދާ ޚިޔާލުތައް ދޫކޮށްލާ ކަންކަމުގެ ރަނގަޅު ގޮތް ޚިޔާރު ކުރާށެވެ. ބައެއްފަހަރު ތެރަޕިސްޓެއް ނުވަތަ ރައްޓެސްގެ އެހީތެރިކަން ހޯދާށެވެ. އަދި ތިމާގެ މާޒީން މުސްތަގުބަލަށް ހިޔަނި އެޅުނަ ނުދޭށެވެ.

ކުރާހިތްނުވާކަމެއް ކުރަން ޖެހުން

ބައެއް ކަންކަމަކީ އެކަން ކުރަން ފޫހިވެ ހިތްހަމަނުޖެހޭ ކަންކަމަށް ވެދާނެއެވެ. މިފަދަ ދަނޑިވަޅުގައި ވިސްނުން ބަދަލުކޮށްލާށެވެ. އަދި މަސައްކަތަކީ މަޖާކަމަކަށް ބަދަލުކޮށްލާށެވެ. އެގޮތުން ލަވައެއް އެއްޗެއް އަޑުއަހަލާ ހިތްހަމަޖައްސާލާށެވެ.

އެއްވެސް މީހަކީ ކުރާ ހުރިހާކަމެއް އެންމެ ފުރިހަމައަށް ކުރެވޭނެ މީހެއް ނޫނެވެ. ހިތަށް އަރާހައި ފުރިހަމައަށް ކަންކަން ނުނިމިދާނެއެވެ. އެހެންކަމުން ދެންފަހަރަކުން އެއަށްވުރެ ފުރިހަމައަށް ކުރުމަށް އަޒުމުކަނޑައަޅާށެވެ. ތިމާއަށް ކުރެވުނު ކަންތަކާއި ކުރެވުނު މިންވަރށް ހިތްހަމަޖައްސާލާށެވެ. ގޯސްކޮށް ކަމެއް ކުރެވުނުމަ، ނަފުސު ބަދުނާމުނުކުރާށެވެ. ގޯސްކޮށް ކުރެވުނު ކަންކަމުން ޢިބުރަތް ޙާޞިލްކޮށް ރަނގަޅުކުރަން ވިސްނާމީހަކީ ކާމިޔާބު މީހަކަށް ވާނެއެވެ.