ފޮރިން މިނިސްޓްރީގެ މަސައްކަތްތައް ކުރީގެ ޢިމާރާތަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ "ފަތުހުﷲ ޖަމީލް ބިލްޑިންގ" އަށް ބަދަލުކުރަން ނިންމީ އެ މިނިސްޓްރީގެ އިމާރާތް މަރާމާތުކޮށް ނިމިފައިވާތީ ކަމަށެވެ.

އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ މިނިސްޓްރީ، ކުރިން ހިންގަމުން އައި އިމާރާތަށް ބަދަލުކުރަން ނިންމައިފައިވާކަމަށް ވެސް ބުންޏެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތުކުރީ ޗައިނާއިންނެވެ.

މަރާމާތަށްފަހު އެ އިމާރާތުގެ ނަން ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލަށް ޚާއްސަކޮށް، "ފަތުހުﷲ ޖަމީލް ބިލްޑިންގ"ގެ ނަމަށް ވަނީ ބަދަލުކޮށްފަ އެވެ.

ކުރީގެ އިމާރާތަށް މަސައްކަތް ބަދަލުކުރުމުގެ ކަންކަން ކުރަމުން އަންނަ ދުވަސް ދުވަހު އެ މިނިސްޓްރީގެ ޚިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިވުން އެކަށީގެންވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މަރާމާތުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް އެ މިނިސްޓްރީގެ މަސައްކަތްތައް ބަދަލުކުރީ އެމްޓީސީސީގެ ސޯމިލް ރީލޮކޭޝަން ބިލްޑިންގ އަށެވެ.