ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާއްސަ މަންދޫބު އައްބާސް ފާއިޒު، މިނިސްޓަރ މާރިޔާ އާ ބައްދަލުކުރައްވައިފި އެވެ.
އައްބާސް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތަހުގީގު ގާތުން ބެއްލެވުމަށް ރައީސް ސޯލިހްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އައްޔަން ކުރެއްވި ބޭފުޅެކެވެ.
އައްބާސް، މާރިޔާއާ ބައްދަލުކުރައްވާފައި މިވަނީ، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިނިސްޓަރު މާރިޔާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޑިފެންސް މިނިސްޓްރީން އެ ބައްދަލުވުމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސް ސޯލިހު ޚާއްސަ މަންދޫބެއް ކަނޑައެޅުއްވީ މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހު އެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.
ޚާއްސަ މަންދޫބުގެ ހައިސިއްޔަތުން މޭ ހައެއްގެ ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއްގައި ޕްރޮސެކިއުޓަރު ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އޭނާ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާ ގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރަންޖެހޭ ހުރިހާ ރިޕޯޓެއްވެސް ތައްޔާރު ކުރައްވާނެ އެވެ.
ޚާއްސަ މަންދޫބު ރާއްޖެ ވަޑައިގެން ރައީސް ނަޝީދަށް ދިން ޙަމަލާއާ ގުޅިގެން ގިނަ ފަރާތްތަކާ ވަނީ ބައްދަލުކުރައްވާފަ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ހަވާލާދީ އެމްޑީޕީގެ "މޭ ހައެއް" ކޮމިޓީން ވަނީ ބުނެފަ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެއީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، އަދި ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ.
އޭގެ ތެރެއިން ގިނަ މީހުންނަކީ ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ މީހުން ނެވެ.
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާ ހަވާލާދީ އެމްޑީޕީގެ "މޭ ހައެއް" ކޮމިޓީން ބުނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ތިން މިލިއަން ޑޮލަރު ހުށަހެޅި ކަމަށެވެ.