އިންޓަ ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މެމްބަރު ކަމަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު އިންތިހާބުވެއްޖެއެވެ.

އައިޕީޔޫގެ މެންބަރު ގައުމުތަކުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތައް ހިމެނޭހެން 151 ގައުމު ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ޖީހާން، އައިޕީޔޫގެ އެ ކޮމިޓީއަށް އިންތިހާބުވެ ވަޑައިގެންފައި ވަނީ އޭޝިއާ ފެސިޕިކް ގްރޫޕުން ކަމަށެވެ. އޭނާގެ ނަން ރާއްޖޭގެ ފަރާތުން ފޮނުވީ ރައްޔިތުންގެ މަޖިލީހުންނެވެ.

މިއީ ރާއްޖޭގެ މެންބަރަކު އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހޮވިވަޑައިގަތް ފުރަތަމަ ފަހަރުވެސް މެއެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ޖީހާން، އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޓީއަށް އިންތިހާބު ކުރަން ވޯޓު ދިން ހުރިހާ ގައުމަކަށް ޝުކުރު އަދާކޮށްފަ އެވެ.