ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނބުރާ ޖަލަށް ބަދަލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން ދާ ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސުން ބުނެފި އެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ގެއަށް ބަދަލުކުރީ މާފުށީ ޖަލުގެ އޮފިސަރަކު ކޮވިޑަށް ޕޮޒިޓިވްވެ ޖަލުގައި ކޭސްތައް ފެތުރެން ފެށުމާއި ގުޅިގެން ނެވެ. އަދި ޖަލުގައި ތިބި ހައިރިސްކު މީހުން ގެއަށް ބަދަލުކުރީ މިދިޔަ އޭޕްރީލް މަހުގެ ފަހު ކޮޅު އެވެ.
އޭގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ހިމެނިވަޑައިގަންނަވަ އެވެ.
ކަރެކްޝަނުން ބުނީ މާފުށީގައި ކޮވިޑް ހާލަތު ގޯސްވެ ގެއަށް ބަދަލު ކުރި ގައިދީން އަނބުރާ މާފުށީ ޖަލަށް ބަދަލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި މިހާރު މާފުށީގެ ހާލަތު ރަނގަޅު ކަމަށެވެ.
ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްފައި ވަނީ ޕީޕީއެމް/ޕީއެންސީން އެކަމަށް އެދި ގޮވާލާ މާލޭގެ މަގުތަކުގައި މި އަހަރު ކުރީކޮޅު މުޒާހަރާކޮށްފައި ވަނިކޮށެވެ. އަދި ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ގެއަށް ބަދަލުކޮށް ދިނުމަށް އެދި އެމަނިކުފާނުގެ އާއިލާއިން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީ ފޮނުއްވާފައިވަނިކޮށެވެ.
އޭޕްރީލް މަހުގައި ޔާމީން ގެއަށް ބަދަލު ކޮށްފައި ވަނީ ރޯދަ މަހަށް ރައީސް ޔާމީންއަށް ލުއި ގޮތްތަކެއް ހަމަޖައްސަވާ ދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވެސް ވަނިކޮށެވެ.
އެމަނިކުފާނު ގެކޮޅުގައި ހުންނަވަނިކޮށް މި މަހުގެ 10 ވަނަ ދުވަހާއި މިއަދު ވަނީ ފުލުހަށް ހާޒިރުކޮށް އެމްއެމްޕީއާރްސީގެ މައްސަލައަކާ ގުޅޭ ގޮތުން ސުވާލު ކޮށްފަ އެވެ.
ފުލުހުން މިހާރުތަހުގީގު ކުރަމުން ދަނީ ވ. އާރަށުގެ މައްސަލަ ކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އަދި ނިމިފައިވާ އާރަށުގެ މައްސަލަ އަލުން ހުޅުވައިގެން ތަހުގީގު ކުރަމުން ދާތީ ވަކީލުން އަންނަނީ ކަންބޮޑުވުން ފާޅު ކުރައްވަމުން ނެވެ.