ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހދ. ގެ 3 ރަށަކަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހާއި ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފި އެވެ.

އެގޮތުން މި ޖުލައި މަހުގެ 16 އިން 18 އަށް ރައީސް ވަޑައިގަންނަވަނީ ކުޅުދުއްފުށި ސިޓީ އާއި ހދ. ކުމުންދޫ އާއި ހދ. ހަނިމާދޫ އަށް ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްގީގެ މަޝްރޫއުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށްވެސް ބުންޏެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ހަމައަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ ކައުންސިލްތަކަކާ ބައްދަލުކުރައްވާފައެވެ. މިގޮތުން، މިހާތަނަށް ޖުމުލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާ އެކު ބާއްވަވައި، 69 ރަށަކަށް އެ މަނިކުފާނު ވަނީ ޒިޔާރަތްކުރައްވާފައެވެ.

އަދި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ޙާލަތަށް އައިސްފައިވާ ބަދަލާ އެކު، އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާ، ތަރައްޤީގެ މަޝްރޫޢުތަކާ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.