މި ހިނގާ ޖުލައި މަހުގެ 28 ވާ ބުދަ ދުވަހާއި 29 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު 2 ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފި އެވެ.

މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއް ގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވައިދެއްވާފައި ވަނީ އަޟްޙާ ޢީދާއި، މިނިވަން ދުވަހާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުން ނެވެ. އަދި ބަންދު ދުވަސްތައް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ ގޮތުން ނެވެ.

މިގޮތަށް ހަމަޖެއްސެވުމުން، ބަންދު ދުވަސްތަކަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ، 2021 އޮގަސްޓު 1 ވާ އާދީއްތަ ދުވަހުގަ އެވެ.