ކުޑަ ކުއްޖަކު ޕޮޒިޓިވް ވެ، ތ. ކިނބިދޫ މޮނިޓަރިންގ އަށް ލައިފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށް މޮނިޓަރިންގ އަށް ލާފައިވަނީ އަލާމާތްތައް ހުރެގެން މިމަހުގެ 18 ވަނަ ދުވަހު ނެގި ސާމްޕަލެއްގެ ނަތީޖާ މިއަދު ޕޮޒިޓިވްވުމުން ނެވެ. އަދި މޮނިޓަރިންގ އަށް ލާފައިވަނީ މިއަދު ހެނދުނު އެވެ.

އެރަށުން ޕޮޒިޓިވްވީ ކުޑަ ފިރިހެން ކުއްޖެއް ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

ކިނބިދޫ މޮނިޓަރިންގ އަށް ލާފައި މިވަނީ، މިއަހަރުގެ އަޟްހާ ޢީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވެފައި ވަނިކޮށެވެ.

އެރަށް މޮނިޓަރުންގ އަށް ލުމާއެކު، ވަގުތީ ގޮތުން އީދުގެ ހަރަކާތްތައް ވަނީ މެދުކަނޑާލާފަ އެވެ. އަދި ޕޮޒިޓިވްވި ކުއްޖާގެ ކޮންޓެކްޓުން ހޯދައި އެރަށުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުން ނެވެ.