އިންސާނާ އޭނާގެ ދެ ޙަޔާތް ކާމިޔާބުކުރަން ބޭނުންނަމަ އޭނާއަށް އޮތީ، ދުނިޔަވީ އެދުމަށްވުރެ އާޚިރަތް އިސްކުރުމެވެ. އެހެނީ ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا ﴿١٦﴾ وَالْآخِرَةُ خَيْرٌ وَأَبْقَىٰ ﴿١٧﴾-سورة الأعلى- މާނައީ، [އަދި ކިއެއްތަ! އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ ޙާލުވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.]
އިންސާނާގެ ޙަޔާތުގެ ދުވަސްތަކާމެދު ވިސްނާލުމުން ﷲ ތަޢާލާ އޭނާއަށް ދެއްވާފައިވާ ތަފާތު ފުރުޞަތުތައް ފާހަގަކުރެވެއެވެ. އޭގެތެރެއިން އެއް ފުރުޞަތަކީ، ހަފްތާ ބަންދުގައި އަންނަ ހުކުރު ދުވަހެވެ. އެ ދުވަހުގައި ﷲ ތަޢާލާ، އެ އިލާހުގެ އަޅުންނަށްޓަކައި ހެޔޮކަމުގެ ގިނަގުނަ ދޮރުތަކެއް ހުޅުއްވައިލައްވާފައިވެއެވެ. އޭގެތެރެއިން އެއްކަމަކީ، ހުކުރުވިލޭރެއާއި ހުކުރު ދުވަހުގެ ކޮންމެވެސް އެއް ވަގުތެއްގައި ސޫރަތުލް ކަހްފި ކިޔެވުމެވެ. މާނައަށް ވިސްނައިގެން ކިޔަވާ މީހަކަށް، މި ސޫރަތް ކިޔަވަން ހޭދަވާނީ، ވިއްސަކަށް ތިރީހަކަށް މިނިޓެވެ. ވީމާ، ޗުއްޓީ ދުވަހެއްގައި، މި ސޫރަތް ކިޔަވައިގެން، އެ ހުކުރުން ފެށިގެން އަންނަން އޮތް ހުކުރާ ދެމެދު، އޭނާގެ ހިތަށާއި ނަފްސަށް ކުރިމަތިވާ އަނދިރިތަކުން ސަލާމަތް ކޮށްދޭފަދަ ނޫރެއް ލިބިގަންނަ މީހަކަށްވުރެ ނަޞީބުވެރިޔަކު ހުންނާނެތޯއެވެ....؟
މި އުފާވެރި ޚަބަރު މުއުމިނުންނަށް ދެއްވަމުން، ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިކަމަށް أَبُوْ سَعِيْدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ ރިވާކުރެއްވިއެވެ. ((مَنْ قَرَأَ سُوْرَةَ الْكَهْفِ يَوْمَ الْجُمُعَةِ أَضَاءَ لَهُ مِنَ النُّوْرِ مَا بَيْنَ الْجُمُعَتَيْنِ)) صحيح الجامع
މާނައީ: [ހުކުރުދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، ދެ ހުކުރު ދެމެދުގައި ނޫރެއް އަލިކޮށްދޭހުއްޓެވެ.]
އަޅުގަނޑުގެ ދުޢާއަކީ، ﷲ ތަޢާލާ، އެ އިލާހުގެ އަޅުތަކުންނަށް ދެއްވާ މިފަދަ ދެއްވުންތަކަށް ދަހިވެތިވެ އެ ދެއްވުންތައް ލިބިގަތުމަށް އަވަސްވެގަންނަ އަޅުންގެތެރެއިން އަޅުގަނޑުމެން ލެއްވުމެވެ. އަދި ދުނިޔަވީ ޙަޔާތުގެ އަރާމާއި ލައްޛަތަށްވުރެ އާޚިރަތުގެ ނިޢްމަތް އިސްކުރާ އަޅުންގެތެރެއިން އަޅުގަނޑުމެން ލެއްވުމެވެ. އާމީން!