ވ. އަތޮޅު ތިނަދުއަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ހިތްގައިމު ރަށެވެ. އެރީތިކަން ފަތުރުވެރީންނަށް ވިއްކައިގެން އެމީހުން ގެންދަނީ ނަފާ ހޯދަމުންނެވެ. ރާއްޖޭގެ ނާޒުކު ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށެވެ. ފައިސާ ނުވަތަ ޑޮލަރު ހޯދުމަށްޓަކައި ތިމާވެށި ގުރުބާން ކުރުމަކީ އެރަށުގެ ރައްޔިތުން ދަންނަ ކަމެއް ވެސް ނޫނެވެ.
އާބާދީގައި 200 އެއްހާ މީހުން ދިރިއުޅޭ ތިނަދޫގެ ބޮޑުމިނަކީ 12.77 ހެކުޓަރެވެ. އެރަށުގައި 6 ގެސްޓް ހައުސް ހިންގައެވެ. ފަތުރުވެރީންނަށް ރާއްޖެއަށް އާދެވޭ ހާލަތުގައި މި ހަ ތަން ވެސް ހުންނަނީ ފުރިފައެވެ.
އެ ރަށަށް ފަތުރުވެރީން އަންނަ މައިގަނޑު ސަބަބަކީ ރަށުގެ ރީތިކަމެވެ. މާހައުލުގެ ސާފުކަމެވެ. ހަމަހިމޭން ވެށްޓެއް ގާއިމުވެފައި އޮތުމެވެ. މެހުމާންދާރީގެ ފުރިހަމަކަމެވެ.
ތިނަދޫ ލޭންޑް ޔޫސް ޕްލޭން ވެސް އެކުލަވާލައިފައިވަނީ ތިމާވެށްޓާ ރައްޓެހި ގޮތަކަށެވެ. އެ ޕްލޭންގައި މައިގަނޑުގައި ތިންކަމެއް ހިމަނާފައި ވެއެވެ. ފުރަތަމަ ކަމަކީ އެއްވެސް އިމާރާތެއް 3 ބުރިއަށްވުރެ މައްޗަށް ނުނެގުމެވެ. ދެވަނަކަމަކީ އިންޖީނު އެޅި އަދި ބެޓެރީން ދުއްވާ އެއްވެސް އުޅަނދެއް ރަށުގައި ނުދުއްވުމެވެ. 3 ވަނަ ކަމަކަށް ވަނީ ރަށުން ގަސް ނުކެނޑުމެވެ. ކޮންމެހެން ގަހެއް ކަނޑަން ޖެހިއްޖެ ހާލަތެއްގައި އެގަސް ނަގައިގެން އެހެން ތަނެއްގައި އިންދިދާނެއެވެ. އެގޮތަށް ނުގެންދެވޭ ހާލަތެއްގައި ނޫނީ ގަހެއް ނުކަނޑައެވެ.
ރާއްޖޭގެ އެހެން ރަށްރަށާ ތަފާތުކޮށް ތިނަދޫގެ މަގުތަކުގެ ދެފަރާތުން ފެންނަނީ ގަސްގަހާ ގެއްސެވެ. ސިމެންތި ގަލުގެ ފާރުތަކުގެ ބަދަލުގައި ފެހިކުލައިގެ ރީތި ގަސްތަކެވެ. އެރަށު ރައްޔިތުން ބޭނުންވަނީ ތިނަދުއަކީ ގަސްތައްގިނަ ފެހިކަން ގަދަ ރަށަކަށް ހެދުމެވެ.
ތިނަދޫގެ މަގުތަކުގައި ހިނގާފައިދާއިރު ފާހަގަކުރެވޭ އަނެއްކަމަކީ ފަސްގަނޑު މަޑުކަމެވެ. ރާއްޖޭގެ އެހެން ރަށްތައް ފަދައިން ވާރޭ ވެހި، ހުއްޓާލުމުން ރަށުތެރޭގައި ފެންހެދިފައެއް ނުހުރެވެ. ޗަކަގަނޑެއް ނޯވެއެވެ. މިކަމުގެ ހަގީގަތަކީ އިންޖީނުލީ އުޅަނދުފަހަރު އެރަށުގެ މަގުމަތީގައި ނުދުއްވުމެވެ. "އިންޖީނު އަދި ބެޓެރިން ދުއްވާ އުޅަނދުފަހަރުން ރަށުގެ ބިންގަނޑު ހަރުވެ ފެން ހަރުލާގޮތް ދިމާވާނެ. ނަމަވެސް މިފަދަ އުޅަނދުތައް ނުދުއްވާނަމަ ހުރިހާ ފެނެއް ބިމަށް ވަދެގެން ހިނދޭނެ،" އެރަށު ކައުންސިލްގެ ރައީސް ޝިފާގު ހުސައިން ވިދާޅުވިއެވެ.
އެރަށުގެ މޫދާއި ގޮނޑުދޮށުގެ ސާފުތާހިރު ކަމަކީ ފަތުރުވެރީން ހިތްދަމައިގަންނަ މައިގަނޑު އެއް ސަބަބެވެ. އެރަށުގެ މޫދާއި ގޮނޑު ދޮށުން އެއްވެސް ޒާތެއްގެ ކުނިބުނި ފެންނާން ނުހުރެއެވެ. ކިލަނބު ކަމެއް، ތެލުގެ އަސަރެއް ނުހުރެއެވެ. ސަބަބަކަށް ވަނީ ކުނި މެނޭޖުކުރުމަށް އެރަށުގެ ރައްޔިތުން ދޭ އަހައްމިއްޔަތުގެ ބޮޑުކަމެވެ. ސާފުތާހިރު ކަމަށް ކުރާ ލޯބީގެ މަތިވެރި ކަމެވެ. ގޮނޑުދޮށާއި މޫދު ސާފުކޮށް ބެލެހެއްޓުމަށް ރައްޔިތުން ކުރާ ބުރަ މަސައްކަތެވެ. ކުނިވާޒާތުގެ އެއްޗެހި މޫދަށް ނޭޅުމެވެ.
ތިނަދޫ ކުނި މެނޭޖު ކުރުމަށްޓަކައި ޕުލްމީރިޔާ ގެސްޓް ހައުސް އިން އިސްނަގައިގެން އެކަން ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެއެވެ. އަދި މިހާރަށްވުރެ ވެސް ފުރިހަމައަށް ކުނީގެ މައްސަލަ ހައްލު ކުރުމުށްޓަކައި ތިމާވެށްޓާބެހޭ ވުޒާރާއާ ގުޅިގެން އެމްއޯޔޫ އެއްގައި ސޮއިކުރެވި މި އަހަރު ފަހުކޮޅު މަސައްކަތް ފެށޭނެކަމަށް ތިނަދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
ތިނަދޫފަދައިން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ތިމާވެށްޓާ ރަށްޓެހި މާހައުލެއް ގާއިމު ކުރެވިދާނެއެވެ. ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުމެވެ. ހުރިހާ ރައްޔިތުން އެއްބަސްކިޔައި ކައުންސިލުތަކާ ގުޅިގެން އެ ރަށްތަކުގެ ނާޒުކު ތިމާވެށި ހިމާޔަތްކުރެވިދާނެއެވެ. މި ޖަޒީރާ ރަށްތަކުގެ ގުދުރަތީ ރީތިކަން ދެމެހެއްޓެން އޮތީ ތިމާވެށްޓަށް ދިމާވާ މައްސަލަތައް ހައްލުކޮށްގެންނެވެ. ނުވަތަ ކުޑަކޮށްގެންނެވެ.