ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް މައްސަލަ އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ. މައްސަލަ ހުށަހެޅުއްވުމަށްފަހު ޝިޔާމް ވިދާޅުވީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތައް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އިމްރާން އޮޅުވާލައްވައިފައިވާ ކަމަށެވެ. އަދި ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އިމްރާން އަމަލު ކުރައްވާފައިވާ ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

އިތުރަށް ޝިޔާމް ވިދާޅުވީ ގެއްލުވާލި އަހުމަދު ރިލްވާންގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައި ދެއްކި ޑޮކިއުމަންޓްތަކާ ގުޅޭގޮތުން މަޖިލީހަށް އިމްރާން އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.

އިމްރާންގެ މައްސަލަ ހުށަހަޅާފައިވަނީ 11 މެންބަރުން ސޮޔާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މި މައްސަލާގައި އެހެން ޕާޓީތަކާއި މިނިވަން މެންބަރުން ވެސް ތާއީދު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.