ލ.އަތޮޅު ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނު އެއްޗެއްސާއެކު އެރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި 3 މީހުންގެ ތެޜޭގައި ހިމެނެނީ 25 އަހަރުގެ ދެ ފިރިހެނުންނާ 22 އަހަރުގެ ފިރިހެނެއް ކަަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެއްވައެވެ.

ލ.ގަމާއި 11 މޭލު ބޭރުގައި އެންދަމަން އޮތް މަސް ދޯންޏަކަށް ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރައި އެދޯނި ހައިޖެކްކޮށްފައިވަނީ އިއްޔެއެވެ.

ފުލުހުންބުނީ އެދޯނި ލ.ގަން ތުނޑި އަށް ބަނދަރު ކުރުމުން ފުލުހުން ގޮސް ބެލިއިރު އެދޯންޏަށް އިތުރު ބަޔަކު އަރައިފައިވާ ކަމަށާ ނަމަވެސް އެއްވެސް މާރާމާރީ އެއް ހިނގާފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނިތެރޭ ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާތަނަށް އެނގިފައިވާ ގޮތުގައި މިއީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައި އެއްބަސްވުމަށް އަމަލުނުކުރާ ކަމަށްބުނެ ދޯންޏަށް ދިޔަ ކަމަށް ބެލޭ ބައެއް ކަމަށް ފުލުހުން ބުނެއެވެ.

މައުލުމާތު ލިބޭ ގޮތުގައި މިއީ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުގެ މަސްލަހަތު އޮތް ދޯންޏެކެވެ. ދޯނީގެ ވެރި ފަރާތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އަށް ދޯނި ވިއްކާފައިވަނީ 7 މިލިއަން ރުފިޔާއަށް ނަމަވެސް ޖާބިރު ދައްކަވާފައިވަނީ އެންމެ 7 ލައްކަ ރުފިޔާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ދޯންޏަށް ހަތިޔާރާއެކު މީހުން އަރާފައިވަނީ ދޯންޏަށް ފައިސާ ނުދައްކާ ހުރުމުން ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައިގައި މިއީ ޓެރަރިޒަމްގެ އަމަލެއް ކަަމަށް ބުނެ ދޯންޏަށް ހަތިޔާރާއި އެކު އެރި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވުމުން އާންމުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.