ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާޢީދު ނުކުރާނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ފަރާތްތަކުން 11 މެމްބަރުންގެ ސޮޔާއެކު އިއްޔެ ވަނީ މަޖިލީހަށް ހުށައަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވާކަން އިޢުލާންކުރައްވާފައެވެ.

އަދި މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ނިންމެވުމުގެކުރިން ދެއްވަންޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދު ފޮނުއްވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މަޖިލީހުގެ ޤަވާއިދުގެ މަތިން އެމައްސަލަ އެޖެންޑާކުރައްވާނެކަމަށްވެސް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

އެވާހަކަފުޅާއި ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަނީ އެއީ އެމްޑީޕީން ތާޢީދު ނުކުރާނެ މައްސަލައެއްކަމަށް ވިދާޅުވެފައެވެ.

ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅާފައިވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް މައްސަލައަކީ އާދައިގެ ކަމެއް ކަމަށް ދޭހަވާ މޭރުމުން، މިނިސްޓަރު ދެއްކެވި ވާހަކަތަކުން ނެވެ. އިމްރާން ވަނީ މީޑިއާ އިން އެމައުލޫޟާތު ފެތުރީ ހަޤީގަތް އޮޅޭ ގޮތަށް ކަމަށް ވިދާޅުވެފައެވެ.