ކެފޭ އުސޫލުން ޑުރަގް ބޭނުންކުރާ ތަންތަން ބަންދުކުރަން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން ބުނީ މާލޭގައި ހުންނަ މިފަދަ ތަންތަނަށް މީހުން ވަނަނުދީ ހުއްޓުވުމަށް މި އޮޕަރޭޝަން ފަށާފައިވަނީ މިއަދު ހެނދުނު 7:00ގައި ކަމަށެވެ.

މިފަދަ ތަންތަން ކައިރީގައިި 24 ގަޑިއިރު ޕެޓްރޯލް ކުރަމުންދާނެ ކަމަށް ވެސް ފުލުހުން ބުނެއެެވެ. އަދި ކެފޭ އުސޫލުން ޑުރަގުގެ ވިޔަފާރި ކުރާ 25 ތަނެއްގެ ވެރިފަރާތަށް މިހާރު ގާނޫނީ އިންޒާރު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެފަދަ 8 މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށާއި މިހާރުވެސް އެފަދަ އިތުރު ހަތަރު މައްސަލައެއްގެ ތަހުގީގު ނިންމައި، ޕީޖީ އޮފީހަށް ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރަން ދޫކޮށްފައި ހުރި މައްސަލައިގައި މ. ބްރައިޓްފްލާވާ ހުސައިން ޔޫސުފުގެ މައްޗަށް ދައުވާކުރަން ކުރިމިނަލް ކޯޓަށް މިހާރު ވަނީ ފޮނުވައިފައެވެ. މިއީ އެފަދަ މައްސަލައެއްގައި ދައުވާކުރަން ފޮނުވި ފުރަތަމަ ފަހަރެވެ.