ކުޑަ ފިރިހެން ކުއްޖަކު އޭނާގެ މަންމަގެ އެދުމަށް ބަދިގޭ މޭޒުމަތީގައިހުރި ތަރުކާރީތައް ބައިބަޔަށް އަޅަމުން ގެންދެއެވެ. މި މަންޒަރު ޝައުގުވެރިކަމާއެކު ބަލަން އަހަރެން ހުރީމެވެ.

ހުރިހާތަރުކާރީއެއް ވަކިކޮށް ކޮތަޅުކޮތަޅަށް އެޅުމަށްފަހު ފުރިޖަށް ލިޔެއެވެ. އެއަށްފަހު ހިކަނދިފަތްތައް ކޯނިން ނައްޓަން ފެށިއެވެ. އެ ކުއްޖާ ފަތްތައް ތަނޑާ ވަކިކުރަން އުޅުނުގޮތް ވަރަށް ރަނގަޅަށް އަހަރެން ބެލީމެވެ. އޭނާގެ ކުޑަކުޑަ ސިކުނޑިން ވިސްނައިގެން މޭޒުމަތީ އޮތް ކަތުރަކުން އެކިފަތް ވަކިވަކިން ތަނޑާ ވަކިކުރަން ފެށިއެވެ. އެހެންނަމަވެސް އޭނާއަށް އަމިއްލައަށް ވިސްނިގެން ކަތުރު ބޭއްވުމަށްފަހު އަތުން ފަތްކޯޅިން ފަތްތައް ވަކިކުރިއެވެ. އެގޮތް އަވަސް ވެފައި ފަސޭހަކަން އޭނާ ދެނެގަތެވެ. އެއަށްފަހު ބަދިގެއިން އެފަތް އަޅާނެ މަތިޖެހި ދަޅެއް ހޯދިއެވެ. ދަޅުގައިހުރި ކުދި ކުދި ލޯވަޅުތަކުން އެފަތްތައް ދަޅަށް އެޅޭތޯ އޭނާ މަސައްކަތް ކުރިއެވެ. އަހަރެން ހިތަށް އެރިއެވެ. އޭނާ އަށް އެ ދަޅުގެ މަތިނަގަން ވިސްނޭނީ ކޮން އިރަކުން ބާވައެވެ؟ ދެން އަހަރެން އެކުއްޖާގެ މަންމައާ ދިމާއަށް ބަލައިލީމެވެ. އެ މަންމަ ވަރަށް ހަމަޖެހިލައިގެން ހުއްޓެވެ.

މިގޮތަށް ދަޅަށް ފަތް ނޭޅިގެން އުޅެމުން އުޅެމުން ގޮސް އޭނާއަށް ދަޅުގެ މަތި ނެގިއްޖެއެވެ. ވަރަށް އުފަލުން އެކުއްޖާ ބުނެލިއެވެ. "ހުޅުވުނީ" ދެން ހުރިހާ ހިކަނދިފަތެއް ދަޅަށްއެޅިއެވެ. އެއްވެސް މީހެއްގެ އިރުޝާދެއް ބުނެދިނުމެއް ނެތި އެކުއްޖާ އަމިއްލައަށް ކަންކުރާނެ ގޮތް ދެނެގަތެވެ. ފަތްތައް ދަޅަށް އެޅުމަށްފަހު ދަޅު ފުރިޖަށްލާން އޭނާ ހިނގައިގަތެވެ. އެވަގުތު އެކުއްޖާގެ މަންމަ ބުންޏެވެ. ތިޔަ ދަޅުން ހިކަނދިފަތްތައް ބަންޑުން ވެދާނެހެން ހީވެއެވެ. އެކުއްޖާ ވިސްނާލުމަށްފަހު ދަޅުގެ މަތި ޖެހިއެވެ. އެހެން ހޯދުމެއް އޭނާ އަށް ދަސްވީއެވެ. ދެން އެ ދަޅު ފުރިޖަށް ލިޔެވެ.

އަހަރެމެން ދަރިންނަށް އަމިއްލައަށް ކަންތައްތައް ދަސްކޮށް ކަންކަން ހައްލު ކުރުމަށް ދޫކޮށްލުމުން އެކުދިން އަމިއްލަ އަށް ދަސްކުރާނެއެވެ. ބެލެނިވެރިއެއް ކަމުގައިވިޔަސް އަދި މުދައްރިސެއް ކަމުގައިވިޔަސް ކުދިންނަށް އަމިއްލައަށް ކަންތައްތައް ހޯދާ ދަސްކުރުމުގެ ފުރުޞަތު ދޭން ވާނެއެވެ. ނަމަވެސް މިއީ އުނދަގޫ ދަތުރެކެވެ. އެހެނަސް މީގެ ފަނަރަ ވަރަކަށް އަހަރު ކުރީން އަހަރެންވެސް ހަމަ މި ދަތުރު ކުރީމެވެ. އޭރު އަހަންނާއެކު މަސައްކަތްކުރި ރިސާޗް ޑިވޮލޮޕްމެންޓް އިންވެސްޓިގޭޓާ އަހަންނާ ދިމާއަށް ބުންޏެވެ. "އަހަރެން އަހަރެންގެ ދަރިފުޅުގެ ވިސްނުން ވަގަށް ނަގަނީއެވެ.،" އޭރު އެކަމާ އަހަރެން ވަރަށް ދެރަވިއެވެ. އަދި ހިތްހަމަވެސް ނުޖެހުނެވެ. ނަމަވެސް އެބުނުމުގައި ވަރަށް ފުން ނަސޭހަތެއް ފޮރުވިފައި ވެއެވެ. މިއީ ތިބާގެ ދަރިންނަށް ކަންތައްތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދޭންވީ ގޮތެވެ.

ދަރިފުޅަށް ހަވާލުކުރެވޭ މަސައްކަތް ނިންމުމަށް އެހީތެރިވެދިނުން

މަތީގައި ދަންނަވާފައިވާ މަންޒަރުގައި ދަރިފުޅުގެ މަންމަ އެ ކުއްޖާއަށް ދަޅުގެ ލޯވަޅުތަކުން ހިކަނދިފަތް އެޅުން ހުއްޓުވައި ދަޅުގެ މަތި ނަގަން އިރުޝާދު ދިންނަމަ، އެކުއްޖާ އަށް އަމިއްލައަށް އެކަން ދަހެއް ނުވީހެވެ. އޭރުން އޭނާގެ އަމިއްލަ ވިސްނުން ބޭނުންކުރަން ފުރުޞަތު ނުދެވުނީއެވެ.

ޑޮކްޓަރ ބުސްޓެން ސިފަކުރައްވާ ގޮތުގައި "ސްކެފޯޑް" ކުޑަކުދިންނަށް އެކި ޙާލަތް ތަކުގައި ކުރިއަށް ދާނެގޮތް ދެނެގަނެވެއެވެ. އަދި ވިސްނުން ތަރަށްޤީވެއެވެ.

އެކަށޭނަ ވަގުތު ދިނުން

ކުދިންނަށް ކަންތައްތައް ބުނެދޭ މީހުންގެ ހައިސިއްޔަތުން ބައެއްފަހަރަށް އަހަރެމެން ރުންކުރުވެ، ކުދިންނަށް ކަންކަމުގެ ހައްލު ބުނެދެވޭތަން އާދެއެވެ. އަހަރެމެން ކަންތައްތައް ރާވާގޮތް ވިސްނާލަ ބަލާށެވެ. ކޮންމެ ކަމެއްވެސް އަހަރެމެން ރާވަނީ މަސައްކަތް ނިންމުމަށް ވިސްނައިގެންނެވެ. ކަންކަމާ ރުންކުރުނުވެ، ދަރިފުޅު ކަމެއް ނިންމުން ލަސްވާނަމަ، އަހަރެން ހަނދާން ކުރަނީ އަހަރެން ގެންގުޅުނު " 45 ސުކުންތުގެ އުސޫލެވެ." ފަހަރެއްގައި ތިޔަ ފަރާތްތަކަށް ވެސް މި އުސޫލު ކަމުހިނގައިދާނެއެވެ.

45 ސުކުންތުގެ އުސޫލު

* ކެއްތެރިވާށެވެ. އަދި ދަރިފުޅަށް ވަގުތު ދޭށެވެ.

* ދަރިފުޅާ ދިމާއަށް އެއްޗެއް ނުބުނެ 45 ސުކުންތު މަޑުކުރާށެވެ.

* ކެއްތެރިވާށެވެ. އަދި ގޮތެއް ނުނިންމާށެވެ.

* 21 ދުވަހުގެ ތެރޭގައި ތަފާތު ފެންނާނެއެވެ.

ރަނގަޅަށް ކަމެއްކުރެވޭނެ ގޮތަކީ ހަމައެކަނި ތިމާ ކަންކުރާގޮތްކަމަށް ނުވިސްނުން

ކުއްޖަކު އެކަނި ކަމެއްކުރަން ދޫކޮށްލައިފިނަމަ، އަހަރެމެން ހައިރާން ކުރުވާނެ ތަފާތު އެތައް ގޮތަކަށް އޭނާ އެކަން ކޮށްފާނެއެވެ. މިފަދަ ހާލަތްތައް ވަރަށް ގިނަފަހަރު އަހަރެން ތަޖުރިބާ ކޮށްފީމެވެ. އަހަރެންގެ ދަރިވަރުން ތަފާތު ގޮތްގޮތަށް ކަންތައް ކުރާނެއެވެ. އަހަރެން އެކުދީންނެއް ނުހިފަހައްޓަމެވެ. އެކުދިން ވިސްނާގޮތަށް އަހަރެން އަބަދުވެސް ޝައުގުވެރި ވަމެވެ.

ބައެއް ފަހަރަށް އަލުވި ހިކިރިހަ ކެއްކުމަށް އަހަރެންގެ ވަކި ރެސިޕީއެއް އޮވެއެވެ. ނަމަވެސް ކުދިން އެހެން ގޮތަކަށް ކައްކަން ބޭނުންވެއެވެ. އެކުދިންގެ އަމިއްލަ ރެސިޕީއަށް ކެއްކުމުން ވެސް ހަމަ މީރެވެ. ކޮންމެ ކަމެއްވެސް ތަފާތު އެތައް ގޮތަކަށް ކުރެވިދާނެއެވެ. އެއީ ގަބޫލުކުރަން ޖެހޭނެ ހަގީގަތެކެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި ކަމެއް ކުރުމަށް ދަރިފުޅަށް ބުނެދޭ މިންވަރު ކުޑަކޮށްފިނަމަ، އޭނާ ދަސްކުރާ މިންވަރު އިތުރުވާނެއެވެ.

މި ދެންނެވި ބަދަލު ތިޔަފަރާތްތަކުގެ ވިސްނުމަށް ގެނެސް ދަރީންނަށް އިތުރު ފުރުޞަތު ދިނުން ކިހިނެއްތޯއެވެ؟

- ކާމިނީ ލަކަންނީ އެސް އޭ އައި ކަނެކްޝަން ޑޮޓްކޮމް އަށް ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެއް.

ކާމިނީ ލަކަންނީ އަކީ އެސްއޭއައި ކަނެކްޝަންގެ ފައުންޑަރ އަދި ޑިރެކްޓަރެވެ. އޭނާ ވަނީ 25 އަށްވުރެ ގިނަ އަހަރު އޯޓިޒަމްގެ ދާއިރާއަށް ޚިދުމަތް ކޮށްފައެވެ. އޭނާ އަކީ އިންޑިޔާއާ މެދު އިރުމަތީގެ އާރުޑީއައި ގެ ޕްރޮފެޝަނަލް ޓްރޭނިންގެ ޑިރެކްޓަރެވެ. އަދި ޒުވާން އޯޓިޒަމް ކުއްޖެއްގެ މަންމައެއް ވެސް މެއެވެ.