އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިއަދު މެންދުރު ފަހު ރާއްޖެ ވަޑައިގަންނަވާނެއެވެ.

ޕޮމްޕެއޯ ރާއްޖެއަށް މި ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހާއި ބައްދަލުކުރައްވާނެއެވެ. މިދަތުރުފުޅުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ބައްދަލުކުރައްވާ ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރައްވާނެއެވެ.ބައްދަލުވުމަށް ފަހު މައިކް ޕޮމްޕެއޯ ދެއްވާ ޕްރެސް ސްޓޭޓްމަންޓް އޮންނާނީ ހަވީރު 04:00ގައެވެ.

އެގޮތުން ކޯވިޑް-19ގެ ޙާލަތާއި ގުޅޭގޮތުންނާއި، ބަލިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ޕޮމްޕެއޯގެ މި ދަތުރުތަކުގައި މި ސަރަހައްދުގެ ބައެއް ޤައުމުތަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.