ހެލްތު މިނިސްޓަރ އަހުމަދު ނަސީމަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.

ނަސީމް ހެލްތު މިނިސްޓަރ ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވީ މިއޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ ހެލްތު މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމީން މަޤާމުން އިސްތިއުފާ ދެއްވީ ވެންޓިލޭޓަރު މައްސަލައިގައި އަމީންގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނިކޮށެވެ.

އަހުމަދު ނަސީމު ކުރިން ހުންނެވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމުގައެވެ. އަހުމަދު ނަސީމަކީ ދައުލަށް އެކި ދާއިރާތަކުން މަތީ ފަންތީގެ މަގާމުތައް ފުރުއްވާ ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.