ޖުމްހޫރީ ޕާޓީގެ ލީޑަރ، ގާސިމް އިބްރާހިމް ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމާ، އެކަން އެ ޕާޓީން އިއުލާން ކޮށްފި އެވެ.

ޖޭޕީން ބުނީ ގާސިމް ބައިވެރިވެވަޑައިގަންނަވާ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މި މަހުގެ 13 ވާ ހޯމަ ދުވަހު ހަވީރު 4 ޖަހާއިރު ކަމަށެވެ.

އެހެންނަމަވެސް މިއީ ކޮން ކަމަކާ ގުޅޭ ބައްދަލުވުމެއް ކަމެއް އެޕާޓީން އަދިހާމައެއް ނުކުރެ އެވެ.

ޖޭޕީން މިފަދަ ބައްދަލުވުމެއް ޚާއްސަކޮށް ލީޑަރ ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވާ ގޮތަށް މިބާއްވަނީ އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ބައެއް މެމްބަރުން އެ ޕާޓީން ވަކިވެފައިވާ ވަގުތެއްގަ އެވެ.

ގާސިމް އިބްރާހިމްގެ މި ނޫސްވެރިންގެ ބައްދަލުވުމަކީ ރާއްޖެއިން ކޮވިޑް-19 ފެނުމުގެ ކުރިން އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހު، ބާއްވަވާ ނުސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެންނާއި އެމަނިކުފާނުގެ ސިއްހީ ހާލަތު ހުންނެވިގޮތުން އަދި އެމަނިކުފާނަކީ ކޮވިޑު ބަލީގެ ހައި-ރިސްކް ބޭފުޅެއްކަމަށްވާތީ އަހަރަކަށްވުރެ ގިނަ ދުވަހު އެމަނިކުފާނު ހުންނެވީ އަމިއްލަފުޅު ރިސޯޓް ސަން އައިލެންޑްގަ އެވެ.

ކޮވިޑުގެ ހާލަތު ކޮންމެވެސްވަރަކަށް ރަނގަޅުވުމުން މާލެވަޑައިގެން، ޕާޓީގެ ހަރަކާތްތަކަށް ނިކުންނެވިއިރު، ޤާސިމްގެ އެންމެ އަރިހުގައި ފެނިވަޑައިގެންނެވި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ ޕާޓީން ވަކިވެ، ސިޔާސީ އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ހިންގުމާއިމެދު މީޑިއާގައި އެބޭފުޅުން ގެންދަވަނީ ވަރަށްބޮޑަށް ފާޑުވެސް ވިދާޅުވަމުން ނެވެ.