ކާނަލް ނާޒިމާއި ޢަބްދުﷲ ރިޔާޒު ދެކެ ރައީސް ޔާމީން މެއެއް ނުކަރާނެ ކަމަށާއި އެބޭފުޅުން އެއުޅުއްވަނީ ވަރަށް ބޮޑަށް އޮޅިވަޑައިގެން ކަމަށްވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ރައްދު ދެއްވައިފިއެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ކާނަލް ނާޒިމްވެސް ބޭނުންފުޅުވަނީ ޕީޕީއެމްގައި ހުންނަވަން ކަމަށާއި ނަމަވެސް ޝަރުތަކީ ރިޔާސީ ޓިކެޓް ކަމަށެވެ.

އެހެންނަމަވެސް ރިޔާސީ ޓިކެޓަކީ އެގޮތަށް ލިބޭ އެއްޗެއް ނޫން ކަމަށާއި ޓިކެޓްލިބޭނީ މަސައްކަތް ކޮށްގެން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ޕާޓީގެ ލީޑަރޝިޕަކީވެސް މަސައްކަތްކޮށްގެން ހޯދަންޖެހޭ އެއްޗެއް. އެކަން ނުވީމާ ޕާޓީ ހަދަންނުކުތީ. އަދި އެއުޅެނީ 3000 މީހުން ހަމަނުވެގެން. ނިކަން ކެރެންޏާ ތިތިއްބެވި ގޮނޑިތަކުން އިސްތިއުފާ ދީފައި ތިޔަ އުފެއްދޭތޯ މަސައްކަތްކުރާ ޕާޓީގެ ނަމުގައި ކުރިމަތިލާބަލަ. އޭރުން ރައްޔިތުން ބަލައިގަނޭތޯ ނުގަނޭތޯ އެނގޭނެ." ޝުޖާއު ވިދާޅުވިއެވެ.

ސުޖާ ވިދާޅުވީ މުނާފިގުންގެ ސިފަތައް ކަމުގައި އޮންނަނީ ތިން ސިފައެއް ކަމަށާއި އެއީ ވާހަކައެއް ދައްކައިފިއްޔާ ދޮގު ހެދުމާއި ވައުދެއްކޮށްފިއްޔާ އެ ވައުދަކާ ޚިލާފު ވުން އަދި އަމާނާތެއް ހަވާލުކޮށްފިއްޔާ އެ އަމާނާތަކަށް ޚިޔާނާތްތެރިވުން ކަމަށެވެ. އަދި ކާނަލް ނާޒިމާއި ޢަބްދުﷲ ރިޔާޒަކީ އޭގެ ތެރެއިން އަރާތިބި ދެ ބޭފުޅުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހަށް މިމީހުން ކުރިމަތިލީ ޖުމްހޫރީ ޕާޓީ ކިޔާ ޕާޓީއަކުން. ރައްޔިތުން ހަވާލުކުރި އަމާނާތަކީ ޖުމްހޫރީ ޕާޓީގެ ފިކުރުގައި ދެމިތިބޭން. ރައްޔިތުންކައިރީ ހޭ ވެސް އަހާނުލާ ވެރިކަމުގެ ދަހިވެތި ކަމުގައި ރައްޔިތުންނަށް ނޫނެކޭ ބުނެ އޭގެއިން ދުރުވުމަކީ އަމާނާތަށް ޚިޔާނާތްތެރިވުން. ވައުދެއްވިއްޔާ އެވައުދާ ޚިލާފުވާނެއޭ. އެކަންވެސް ތިބީ ކޮށްގެން. މިވާހަކަ ދައްކައިފި އެބޭފުޅުން ކުރިން ނިސްބަތްވި ޕާޓީގެ ބައެއް އެޑްވައިޒަރުންވެސް." ޝުޖާއު ވިދާޅުވިއެވެ.

ނާޒިމްއާއި ރިޔާޒްގެ ޚިޔާލާއެއްގޮތަށް ކަންކަން ކުރަމުންދާނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް އިތުރަށް ހަލާކުވެގެންދާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ރައީސް ސާލިހަކީ ކަންނެތް ބޭފުޅެއް ކަމަށާއި މިދެބޭފުޅުންގެ ވާހަކަތައް އަޑުއައްސަވާހާ ހިނދަކު އެމަނިކުފާނުވެސް ވާނީ އިތުރަށް ކަންނެތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މިމީހުން މިހާރު ވަރަށް މުރާލި ބައެއްގެ ގޮތުގައި ދައުވާ ކުރަމުންދާ ކަމަށާއި އެކަން ރައްޔިތުންނަށް ސާފުކޮށްދޭން ބޭނުންވާކަމަށް ޝުޖާއު ވިދާޅުވިއެވެ. " ދެމީނުންނަކީވެސް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން. މަޖިލިހަށް ވަޑައިގަންނަވަނީ މެންދުރު 12 ޖަހާއިރު. ވަރަށް މުރާލި ނޫންތޯ؟." ޝުޖާއު ވިދާޅުވީ މިކަން މަޖިލީހުގެ ހާޒިރީން ވަރަށް ރަނގަޅަށް ފެންނާނެ ކަމަށާއި އެކަން ބަދަލުކުރަން އުޅުމުން ދެކޮޅު ހަދަނީވެސް އެމީހުން ކަމަށެވެ.

ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ތާވަލް ކުރެވިފައިވާއިރު ދަށުކޯޓުތަކުން ފަނޑިޔާރުން ހާވާފައިވާ ހަޑިތަކާއި ރައީއުލްޖުމްހޫރިއްޔާގެ އޮފީސް ތެރެއިން އެ ފަނޑިޔާރުންނަށް އައި ނުފޫޒުތަކާއި މިހުރިހާ ކަންތައްތަކަށްވެސް އެންމެ މަތީ ކޮޓުގެ ފަނޑިޔާރުން ބައްލަވާ ނިޔާ ކަޑައެޅުއްވުން އެދޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.