އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަރޑް ޕޮމްޕެއޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ޕޮމްޕެއޯ ވަޑައިގަތީ ބުދަ ދުވަހުގެ މެންދުރު 14:00 ގައެވެ. ޕޮމްޕެއޯއަށް މަރުޙަބާ ދެންނެވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން ސަރުކާރާއި، މިނިސްޓްރީގެ އިސް އޮފިޝަލުން ވަޑައިގެންނެވިއެވެ.

ސެކްރެޓަރީ ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސް އަރިހަށް ކުރައްވާ ޒިޔާރަތަށް ފަހު ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާ އެކު ބާއްވަވާ ރަސްމީ މަޝްވަރާތަކަށެވެ. މި މަޝްވަރާތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރަށް ފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.