ރާއްޖޭގައި އެމެރިކާގެ ދާއިމީ އެމްބަސީއެއް ހުޅުވުމަށް ނިންމާފައިވާކަމަށް އެ ޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އިޢުލާންކުރައްވައިފިއެވެ.

ޕޮމްޕެއޯ މިކަން އިޢުލާންކުރައްވާފައި ވަނީ ރާއްޖެއާއި އެމެރިކާއާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާގުޅޭގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު، ދެ ޤައުމުން ގުޅިގެން ދެއްވި ޖޮއިންޓް ސްޓޭޓްމަންޓްގައެވެ.

މަޝްވަރާތަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވީ، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއެކު ކުރިއަށްގެންދެވި މަޝްވަރާތަކުގައި އިޤްތިޞާދީ ކުރިއެރުމާއި، ކައުންޓަރ ޓެރަރިޒަމް ފަދަ ދާއިރާތަކުން ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވުނުކަމަކަމަށެވެ. މައިކް ޕޮމްޕެއޯ ވިދާޅުވީ، ރާއްޖޭން ބައިނަލްއަޤްވާމީ މަައިދާނުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުންދާކަމަށެވެ. އަދި އެމެރިކާއިން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ކުރިއެރުމަށް އަބަދުވެސް އެހީތެރިވެދޭނެކަމަށް ވިދާޅުވިއެވެ. އަދި މި ބައްދަލުވުމަކި ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް ކަަމށްވެސް ޕޮމްޕެއޯ ވިދާލުވިއެވެ.

"ރާއްޖެއާއި އެމެރިކާއާދެމެދު އޮތް އެކުވެރިކަމާއި ގުޅުމުގެ އަގު އަބަދުވެސް ވަޒަން ކުރާނަން. މީގެކުރިން މަސައްކަތް ނުކުރާހާ ގާތްކޮށް މިހާރު މަސައްކަތް ކުރަން ބޭނުންވޭ. އެކަމުގެ ހެއްކެއްގެގޮތުން މި އިޢުލާންކުރަނީ ދެޤައުމުގެ ޒަމާންވީ މި ގުޅުން އިތުރަށް ކުރިއެރުވުމަށް އެމެރިކާގެ ދާއިމީ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަށް ނިންމާފައިވާކަން. މިއީ ވަރަށް މުހިއްމުކަމަކަށްވެގެންދާނެ" މައިކް ޕޮމްޕެއޯ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ކޯވިޑް-19ގެ މި އުނދަގޫ ޙާލަތުގައިވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް ޒިޔާރަތްކުރެއްވުމަކީ ދެ ޤައުމުގެ ގުޅުމަށް ލިބިގެންދިޔަ އިތުރު ފުރިހަމަކަމެއްކަމަށެވެ. މިއީ ތާރީޚީ ދުވަހެއްކަމަށާ ކޯވިޑް-19ގެ މި ޙާލަތުން އަރައިގަތުމަށް މާލީގޮތުންނާއި ފަންނީގޮތުން އެމެރިކާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.

ރާއްޖޭގައި އެމެރިކާގެ ދާއިމީ އެމްބަސީއެއް ޤާއިމުވެގެންދިއުމަކީ، ވިޔަފާރިއާއި އިޤްތިޞާދީގޮތުން ދެ ޤައުމުގެ ދެމެދު ހިންގޭ މުޢާމަލާތްތައް މިހާރަށްވުރެ އިތުރުކުރުމަށް ހުޅުވިގެންދާ ދޮރެއްކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

އަދި އެމެރިކާގެ ދާއިމީ އެމްބަސީއެއް ހުޅުވުމަށް ނިންމުމަކީ ދިވެހިރާއްޖޭގައި އޮތް ސަރުކާރުން އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށާއި، އަދި ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތަށް މުޅި ދުނިޔޭގެ ނިސްބަތުންވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އާ މިނިސްޓަރ ޝާހިދު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ޝެރެޓަން ފުލްމޫން ރިޒޯޓުގައެވެ. މިއީ 1992 ވަނަ އަހަރަށްފަހު އެމެރިކާގެ މަތީ ފަންތީގެ ބޭފުޅަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.