ކޮވިޑް 19ގެ ސަބަބުން އިގްތިސާދަށް ހީނަރު ކަމެއް އައިސް ވިޔަފާރިތައް ދަށަށް ދިޔަ ނަމަވެސް އެސްޓީއޯއަށް 2019 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރަށްވުރެ މި އަހަރުގެ ތިންވަނަ ކުއާޓަރގައި ލިބުނު ފައިދާ އިތުރުވެއްޖެއެވެ.

އެކުންފުނިން އާންމުކޮށްފައިވާ މާލީ ރިޕޯޓުން ދައްކާގޮތުން ނިމިގެންދިޔަ ކުއާޓަރގައި އެ ކުންފުޏަށް ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރަށްވުރެ 5 އިންސައްތަ އިތުރުވުމެކެވެ.މިދިޔަ އހަރުގެ މި ކުއާޓަރގައި އެކުންފުންޏަށް ލިބިފައިވަނީ 94 މިލިއަން ރުފިޔާއެވެ.

ބުދަ ދުވަހު އެކުންފުނިން އާންމުކުރި މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް މިއަހަރުގެ މި ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ތެލުގެ ވިޔަފާރިންނެވެ. ތެލުގެ ވިޔަފާރިން އެކުންފުންޏަށް 818 މިލިއަން ރުފިޔާ ލިބިފައިވާއިރު އެ ނޫން ދާއިރާ ތަކުން އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 727 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މާލީ ރިޕޯޓު ދައްކާ ގޮތުން އެކުންފުންޏަށް މި މުއްދަތުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެކުންފުނިން މި ކުއާޓަރުގެ ވިޔަފާޜި ފައިދާ އިން ޓެކުހުގެ ގޮތުގައި 19 މިލިއަން ރުފިޔާ ދައްކާފައިވާއިރު ޓެކުހަށް ކެނޑުމުގެ ކުރިން ޖުމްލަ އާމްދަނީގެ ގޮތުގައި 119 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން ހިންގުމުގެ ފައިދާގެ ގޮތުގައި 120 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ރިޕޯޓުން ދައްކައެވެ.އަދި އެ އެ ކުންފުނިން މި ކުއާޓަރުގައި 1.2 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ.

އެސްޓީއޯއިން ބުނީ އެކުންފުންޏަށް ސާފުފައިދާ ލިބުމުގައި ކުންފުނީގެ ހިންގުމުގެ ޙަރަދު ކުޑަކުރުން ހިމެނޭ ކަމަށެވެ. އެކުންފުނީގައި ޖުމްލަ 2057 މުވައްޒަފުން މަސައްކަތް ކުރަމުންދާ އިރު 81 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.