ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ، އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އިން އައްޑޫ ސިޓީ ގަމުގައި ހިންގަމުން އައި ފްލައިން ސްކޫލް ހިންގުމަށް ރާއްޖޭގެ އަމިއްލަ ކޮލެޖެއް ކަމަށްވާ އެވިޑާއި އޭއޭއޭ އާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވިޑްގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު ވިދާޅުވީ އެއްބަސްވުން ބާތިލުކުރީ ސަރުކާރުގެ ބައެއް މުއައްސަސާތަކުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުން ކަމަށެވެ. އެހެން ކަމުން އޭއޭއޭ އާއި އެވިޑްކޮލެޖާ ވާހަކަ ދައްކައިގެން ދެ ފަރާތް އެއްބަސްވެގެން އެ އެއްބަސްވުން އުވާލީ ކަމަށް މުސްތާގު ވިދާޅުވިއެވެ. އެއްބަސްވުން އުވާލުމާއެކު ފްލައިން ސްކޫލް ހިންގުމަށް ކުރަމުން އައި ހުރިހާ މަސައްކަތްތަކެއް މިހާރު ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޕްލޭނެއް ވެސް ހެދިން. ކަމާ ގުޅުންހުރި ފަރާތްތަކަށް ހިއްސާ ވެސް ކުރިން. ނަމަވެސް ޕްލޭނާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް ނުފެނި ދެ މަހާއި ބައި ވެގެން މި ދިޔައީ،" މުޝްތާގު ވިދާޅުވި އެވެ.
މުސްތާގު ވިދާޅުވީ ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި މިހާތަނަށް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އަދި އެފައިސާ އަނބުރާ އިއާދަ ނުކުރެވޭނެ ކަމަށާއި އެއީ އެވިޑް ކޮލެޖަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް ވިދާޅުވިއެވެ. އޭއޭއޭ ކަންކަން ބެލެެހެއްޓުން އެވިޑުން ދޫކޮށްލިއިރު އެތަނުގެ ދަރިވަރަކު އެވިޑަށް ދައްކަންޖެހޭ ފައިސާއެއް އަދި އެވިޑުން ދަރިވަރަކަށް ދައްކަންޖެހޭ ފައިސާއެއްވެސް ނޯންނާނެ ކަމަށް އެނގިފައި ވެއެވެ. އެވިޑުން އޭއޭއޭ ކަންކަން ބެލެހެއްޓި ދުވަސްވަރު ވާނީ އެތަނުގެ މުވައްޒަފުންނަށް މުސާރަލާއި ފުޑުއެލަވަންސް ވެސް ދީފައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މުޝްތާގު އިތުރަށް ވިދާޅުވީ އޭއޭއޭ އާއި އެކު ހެދި އެއްބަސްވުން ބާތިލް ކުރި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެވިޑްގެ އަމިއްލަ ފްލައިން ސްކޫލެއް ތައާރަފް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ފްލައިން ސްކޫލެއް ފަށަން ރާއްޖޭން ބޭރު ފްލައިން ސްކޫލްތަކާއި މަޝްވަރާކޮށް ވާހަކަދައްކާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.