މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ ބޮޑު ހިއްސާއެއް އޮންނަ ދާއިރާ އަކަށް ވީއިރު އިންޑިއާ ކަނޑުގެ ހުރިހާ ގައުމަކުން ކަންނެލި މަސް ގަތުން ބޮއިކޮޓް ކުރަން ގޮވާލާ ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒްއިން ބުނެފިއެވެ.
ބުދަ ދުވަހު ފިޝަރީޒް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އިން ކަންނެލި ބޭނުމުގައި ވަކި މިންގަނޑެއް ގެންގުޅެމުންދާ ކަމަށާ ރާއްޖެއިން މި މައްސަލަ ހައްލުކުރުމަށް މީގެ ކުރިން ކޮށްފައިވާ މަސައްކަތްތަކާއި އެކުވެސް ރާއްޖެ އާއި އެކު މަޝްވަރާކުރުމަށް މަސައްކަތްކޮށްފައި ނުވާތީ މިނިސްޓްރީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ބަޔާނުގައި ފިޝަރީޒް އިން ބުނެފައިވަނީ 2015 ވަނަ އަހަރު އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިިން މި ސަރަހައްދުގެ ޓޫނާ ސްޓޮކް ބެލެހެއްޓުމަށް އިސްނެގި އެއް ގައުމުގެ ހައިސިއްޔަތުން ރާއްޖެ ވަނީ 2016 ވަނަ އަހަރުގެ ރިސޮލިއުޝަނާއި އެއްގޮތަށް އަމަލުކޮށްފައި ކަމަށެވެ.
އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް މަދުވަމުން ދިޔުމާ ގުޅިގެން ޔޫރަފްގެ ވިޔަފާޜިވެރިންދަނީ މިކަމާއި އެދެވޭ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ އިންޑިޔާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލި ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވަނީ މި މައްސަލައަށް ހައްލެއް ހޯދުމަށް ކޯސްޓަލް އޭރިއާގެ ގައުމުތަކާއި އިންޑަސްޓްރިއަލް ފްލީޓްތަކަށް ރާއްޖެ އާއި އެކު އެއް މޭޒެއްގައި މަޝްވަރާކޮށް އެއްބަސްވުމަކަށް އައުމަށް ގޮވާލާފައެވެ.