ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސް އަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ފެނަކަ ކޯޕަރޭޝަނަށް ދައްކަން ކޮށްފައިވާ ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
ފެނަކައިން ޝަރޫ ލޯންޗު އަތުން 17 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކުރީ، އެއް މިލިއަން ޑޮލަރު ގަތުމަށް ފެނަކަ ކޯޕަރޭޝަންއިން ޝަރޫ ލޯންޗް ސާވިސްއަށް 17 މިލިއަން ރުފިޔާ ހަވާލުކުރިއިރު، ފެނަކައަށް ޑޮލަރު ގަންނަން ޝަރޫއަށް ފައިސާ ދިނުމުން ދިން ޑޮލަރު ޗެކްތައް ބައުންސްވެފައިވާތީ އެވެ.
އެ މައްސަލަ ޝަރޫ އިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ފެނަކަ އިން ޝަރޫ އަށް 17 މިލިއަން ރުފިޔާ ދިން ކަމަށާއި އަދި ޝަރޫއިން ފެނަކަ އަށް ދޫކުރި ޑޮލަރު ޗެކްތަކަށް ފައިސާ ލިބިފައި ނުވާ ކަމަށާއި އެ ފައިސާ ޝަރޫއިން އަނބުރާ ފެނަކައަށް ދައްކަން ޖެހޭނެ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
ބޭރު ފައިސާ ވިއްކުމުގެ ހުއްދަ ނެތީސް، ޝަރޫ އަށް ޑޮލަރު ގަތުމަށް ހަވާލުކުރި މައްސަލާގައި ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އެ ކުންފުނީގެ އިތުރު ބައެއް އިސް މުވައްޒަފުންނަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު އެ އޮފީހުން ނިންމީ އެ މައްސަލާގައިި ދައުވާ ކުރެވެން ނެތް ކަމަށެވެ.