ސްރީލަންކާގެ ތަމަޅަ ބާޣީންގެ ބަޔަކު ރާއްޖެ އަރައި 19 ދިވެހިން ޝަހީދުކޮށްލި އުދުވާނީ ހަމަލާއަށް ނަސްރު ލިބުނު ދުވަސް، (ނަސްރުގެ ދުވަސް) ފާހަގަ ކުރުމަށް ބަޑި ބުރާސްފަރީގެ ނަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލީޝަނުން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ކާނިވާ ސަރަހައްދުގައި، ނޮވެމްބަރު ތިންވަނަ ދުވަހުގެ ރޭ 8:30 ގައެވެ.

އެ ޖަލްސާއާބެހޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން އިދިކޮޅު، ޕީއެންސީގެ ނައިބް ރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އެ ޖަލްސާ ބޭއްވުމަށް ބޭނުންވާ ހުއްދަ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ލިއުމުން ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން މަލޭ ސިޓީކައުންސުލްގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުރުން މިހާރު ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުކޮށް ޖަލްސާ ކުރިއަށް ގެންދިއުމުގެ ހުއްދައަކަށް އެދި އެޗްޕީއޭއަށް ހުށަހަޅާފައުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މި ޖަލްސާ ބާއްވަން ނުކެރޭ ފަދައިން، މިޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން ނުކެރޭނެކަންވެސް ޔަގީންވާ ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ މި ދުވަސް ފާހަގަ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރަން ކެރޭނެ ކަމެއްނޫން، އެހެން މިދަންނަވާލަންޖެހޭ ސަބަބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބަފައިކަލޭގެ އަކީ މި ހަމަލާގައި ބައިވެރިވި މީހުންގެ ތެރެއިން ހިމެނޭ މީހެއްކަަމަށް އަޅުގަނޑުމެންނަށް މިއޮންނަނީ ހުރިހާ ގޮތަކުންވެސް އެނގެން އެހެންވީމާ މި ސަރުކާަރަށް ރާއްޖޭގެ ފަހުރުވެރި ނަސްރުގެ ދުވަސް ފާހަގަކުރާކަށެއް ނުކެރޭނެ އެއީ އެމްޑީޕީގެ ސަރުކާރަށް ކުރަން ހެޔޮވާވަރުކަަމަކަށްނުވާތީ،" ސުޖާ ވިދާޅުވިއެވެ.

އެ ޖަލްސާގައި ބައިވެރިވުމަށް ދިވެހި އެންމެހާ ަރއްޔިތުންނަށް ދައުވަތު ދެއްވާ ކަމަށާއި، ހުރިހާ ބޭފުޅުން ވަޑައިގަންނަވާނީ ދިވެހި ދިދަ ހިއްޕަވައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުއްދަ ނުދިނަސް މި ޖަލްސާ ބާއްވާނެ ކަމަށާއި، އެކަމަށްޓަކައި ޕްލޭން އޭއިން ފެށިގެން ޒެޑާ ހަމައަށް ރާވާފައިވާ ކަމަށެވެ.