ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އިންތިޒާމްކުރާ ދެވަނަ ފޮތް މައުރަޒު އަންނަ ޑިސެމްބަރު މަހު 1 އިން 6 އަށް ބާއްވާ ގޮތަށް އެތަނުން ހަމަޖައްސަވައިފިއެވެ.

މިއީ އެ ޔުނިވަރ ސިޓީން ބާއްވާ ދެވަނަ ފޮތް މައުރަޒެވެ. މި މައުރަޒު ބާއްވާނީ އޮންލައިންކޮށް ކަމަށް އެތަނުން މައުލޫމާތު ދެއްވާފައި ވެއެވެ. މި މައުރަޒު އޮންލައިންކޮށް ބާއްވަން ނިންމެވީ ކޮވިޑް 19 ގެ ސަބަބުންނެވެ.

އެ ޔުނިވަރ ސިޓީގެ ފުރަތަމަ ފޮތް މައުރަޒު ބާއްވާފައިވަނީ 2018 ވަނަ އަހަރުއެވެ.

މިމަޢުރަޒުގައި ބައިވެރިވުމަށް ޝާއިޢުކުރާ ފަރާތްތަކަށާއި، ބުކްޝޮޕްތަކަށާއި، ލިޔުންތެރިންނަށާއި އަދި ފޮތް ވިއްކާ އެންމެހާ ފަރާތްތަކަށް މިހާރުވަނީ ހުޅުވާލެވިފައި ކަމަށް ވެސް އެތަނުން ވިދާޅުވެފައިވެއެވެ.

މިމައުރަޒު ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ޢިލްމު ފެތުރުމަށާއި މަޢުލޫމާތު މުއްސަނދި ކުރުމަށް އެހީތެރިވުމެވެ. އެ ގޮތުން އެކިބާވަތުގެ ފޮތާއި މަޖައްލާ އަދި އޯޑިއޯ-ވިޜުއަލް ފަދަ ތަކެތި ހެޔޮ އަގުގައި އެއް ޕްލެޓްފޯމަކުން ޢާންމުންނަށް ފޯރުކޮށްދިނުމެވެ. އޭގެ އިތުރުން ލިޔުންތެރިންނާއި ޝާއިޢުކުރާ އަދި ފޮތް ވިއްކާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުން ކަމަށް ވެސް އެ ޔުނިވަރ ސިޓީން ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ކިޔުންތެރިކަމަށް ޝައުޤުވެރިކަން އިތުރުކުރުމަށާއި، މިސަޤާފަތް ދެމެހެއްޓުމަށާއި ދިރާސާކުރާ ފަރާތްތަކަށް ތަފާތު ބާވަތުގެ ފޮތާއި މަޖައްލާ ފަދަ ތަކެތި ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުމަކީ ވެސް މި މައުރަޒުގެ މަގުސަދެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި ހިލޭ ފޮތް މަޖައްލާ ތަކެތި ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ފަހި ވެފައިވާ ކަމަށް ޔުނިވަރސިޓީން ވިދާޅުވެފައިވެއެވެ.

ފޮތް މަޢުރަޒުގެ އިތުރުން ބައެއް ޙަރަކާތްތައްވެސް އޮންލައިންކޮށް ހިނގަމުންދާނެ ކަމަށް އެ ޔުނިވަރސިޓީން ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި

1. ފޮތަކާ ބެހޭގޮތުން ވާހަކަ ދެއްކުން ނުވަތަ ބުކްޓޯކް

2. ވާހަކަ ކިޔައިދިނުން ނުވަތަ ސްޓޯރީ ޓެލިންގ

3. ފޮތް ކިޔުމުގެ މުހިއްމު ކަމާއި ބެހޭގޮތުން ޕެނަލް ޑިސްކަޝަން

4. ތަޢާރުފް ނުވަތަ ސަމަރީ ލިޔުމުގެ މުބާރާތް

5. ބުކް ރިވިއު ލިޔުމުގެ މުބާރާތް

މިމައުރަޒު އޮންލައިންކޮށް ބޭއްވުމުގެ ފައިދާތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ، ދިވެހިރާއްޖެއަކީ ކުދިކުދި ރަށްތަކެއް އެކުލެވޭ ޤައުމަކަށް ވާއިރު، ރަށްރަށުގައި ދިރިއުޅޭ ފަރާތަކަށާއި ހުރިހާ ޢާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ހުރި ތަނަކުން މި މަޢުރަޒުން ތަކެތި ގަތުމަށް މަގުފަހިވުމާއި އަދި ގިނަ ބަޔަކަށް މިމައުރަޒުގެ ޚިދުމަތް ލިބުމަށް ލުއިފަސޭހަވުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މަޢުރަޒުގައި ތަކެތި ވިއްކާ ފަރާތްތަކަށްވާނެ ފައިދާތަކަކީ:

އެފަރާތެއް އިޝްތިހާރުވުމަށް ލިބޭ ވަރަށް މުހިއްމު ފުރުސަތެއްކަމާ އަދި މިފޮތް މަޢުރަޒުގެ ފަރާތުން ގިނަ ބަަޔަކަށް އޮންލައިންކޮށް ދިމާވެ، ތަކެތި ޕްރޮމޯޓް ކުރުމަށް މަގުފަހިވުން.

ރަށްރަށުގައި ފޮތް ވިއްކާނެ ތަނެއް ނުވަތަ ވިއްކާނެ ގޮތެއް ހަމަޖެއްސުމަކީ ކޮންމެ ފަރާތަކަށް ކުރަން ފަސޭހަކަމަކަށް ނުވާނެކަމާއި، މިއޮންލައިން ފޮތް މަޢުރަޒު މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރިނަމަވެސް ފަސޭހަކަމާއެކު ފޮތް ވިއްކުމަށް މަގުފަހިވުން.

ހޯލްސޭލްކޮށްވެސް ތަކެތި ވިއްކުމަށް ހުޅުވޭ މަގަކަށްވުމާއި، މިމަސައްކަތްކުރުމަށް ލުއިފަސޭހަވުން.

ވުމާއެކު ވީހާވެސް ގިނަ ފަރާތްތަކުން މިމަޢުރަޒުގައި ތަކެތި ވިއްކުމަށް ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަރަށް ބޮޑު އެދުމެކެވެ.

އަދި މިމަޢުރަޒު ސްޕޮންސަރ ކުރެއްވުމަށާއި ޕާރޓްނަރޝިޕް ގޮތުގައި މަސައްކަތްކުރައްވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސްވަނީ ހުޅުވާލެވިފައެވެ.

މިމަޢުރަޒުގައި ރަޖިސްޓްރީވުމުގެ އެންމެފަހު ތާރީޚަކީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.