އދ. ދަނގެތީގައި ރަހުމްކުޑަކޮށް މަރާލައިފައިވާ އެރަށު މޮނަލާޒު މަޙަމޫދު އަބޫބަކުރުގެ ގާތިލުން ވީހާވެސް އަވަހަކަށް ހޯދައި ޤާނޫނުތަކުން ކަނޑައަޅައިފައިވާ އެންމެ ހަރުކަށި އަދަބު އެފަރާތްތަކަށް ދިނުމަށް ޕީޕީއެމް/ޕީއެންސީ އިން ސަރުކާރަށް ގޮވާލައިފިއެވެ.

އެ ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދަގެނތީ ވިޔާފާރިވެރިޔާ މަޙަމޫދު އަބޫބަކުރު މަރާލާ ފަޅު ގެއެއްގެ ވަޅަކަށް ވައްޓާލައިފައިވާ މައްސަލާގައި އެކޯލިޝަނުން ވަރަށްކަންބޮޑުވާ ކަމަށެވެ. އެކަން އެ ކޯލިޝަނުން ސިފަކޮށްފައިވަނީ އެހާމެ ބިރުވެރިކަމެއްގެ ގޮތުގައެވެ.

"މަރްޙޫމް މަޙަމޫދު އަބޫބަކުރު އަނިޔާވެރި ގޮތަކަށް މަރާލުމުގެ ފަހަތުގައިވާ ސަބަބުތައް ހޯދުމަށާއި، މިޢަމަލު ހިންގުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކެއް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ މަސައްކަތް އަވަސް ސްޕީޑެއްގައި ކޮށް، އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޤާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ." އެބަޔާނުގައި ބުނެފައިވެއެވެ.

މި ޙާދިސާއަށްފަހު ދަނގެއްޗަށް ކުރިމަތިވެފައިވާ ބިރުވެރިކަމުން އެ ރަށުގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަވަސް ކުރުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލައިފައެވެ. މަޙަމޫދޫގެ "ފުރާނަފުޅަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި،" އެބަޔާނުގައިވެއެވެ.

އަލްމަރްޙޫމް މަޙަމޫދު އަބޫބަކުރުގެ ޢާއިލާ އަށާއި ދަނގެތީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި އެ ކޯލިޝަންގެ އެންމެހާ މެންބަރުން ބައިވެރިވާ ކަމަށްވެސް ބުނެފައިވެއެވެ. މަރްޙޫމްގެ ޢާއިލާއާއި ދަނގެތީ ރައްޔިތުންނަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެ ކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލް މެންބަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި ސްޓިއަރިންގ ކޮމިޓީތަކާއި އެ ކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާކަމަށް ވެސް ބުނެފައިވެއެވެ.

"މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށާއި މި އަނިޔާވެރި ޢަމަލު ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި ކާމިޔާބީ މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

________________

15 އޮކްޓޯބަރ 2021