މާލެއިން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަކަށް ކަނޑު މަތިން ދިމާވި ހިތާމަވެރި ހާދިސާގައި މ. ގްރީންޕީކް އަލްމަރްހޫމާ މަރްޔަމް ނާހިދާ ކަނޑަށް ވެއްޓި ނިޔާވުމާއި ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން ތައުޒިޔާ ކިޔައިފި އެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޚަބަރު އެހީ ކުއްލި ސިހުމާއި ހިތާމައާއިއެކުގައި ކަމަށެވެ. އަދި މައްޔިތާގެ ފުރާނައަށް ރަހުމަތް ލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށް ވަނީ ދުޢާ ކޮށްފަ އެވެ.

"މި ހާދިސާގައި ކަނޑަށް ވެއްޓި ގެއްލިފައިވާ ނާހިދާގެ ތުއްތު ދަރިފުޅު ސަލާމަތުން ފެނުމުގެ ނަސީބު މިންވަރު ކުރައްވާށި. އާމީން. މި ހާދިސާގައި ނިޔާވި މަރްޔަމް ނާހިދާގެ ޢާއިލާއަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މިކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލް މެންބަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި ސްޓިއަރިންގ ކޮމިޓީތަކާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ. އަދި މި ތުއްތު ދަރިފުޅު ހޯދުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށް ގެންދެވުމަށް ކަމާއިބެހޭ ފަރާތްތަކުގައި ދަންނަވަމެވެ." ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މިދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ވައިގަދަވެ ކަނޑުތައް އާދަޔާއި ޚިލާފަށް ގަދަ ދުވަސްކޮޅަކަށްވާތީ، ކަނޑު ދަތުރުފަތުރު ކުރުމުގައި އެންމެންގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށާއި ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެ ކޯލިޝަންގެ ފަރާތުން އެންމެހާ ފަރާތްތަކަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.