ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް މީހުން ތިބޭ މަރުކަޒު ސްޓެލްކޯ އިން މަރާމާތުކޮށްފި އެވެ.
ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މަރާމާތުކޮށްދިނުމާއި ގުޅިގެން، އެތަނަށް 28 ޖާގަ އިތުރުވާނެ އެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 5 ވަނަ ބްލޮކް މަރާމާތުކުރުމުގެ މަސައްކަތް ނިންމާ ޖެންޑަރ މިނިސްޓްރީއާ އިމާރާތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ އެވެ. ޖެންޑަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ އެވެ.
މި ރަސްމިއްޔާތުގައި މުޣުނީ ވިދާޅުވީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން އަބަދުވެސް މަސައްކަތްކުރަނީ، މުޖުތަމަޢުގައި ތިބި އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެހީވުމަށް ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ވެސް މިފަދަ އެހީތައް ދެމުންދާނެ ކަމަށެވެ.
ޖެންޑަރ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ މިއީ އަޅާލާނެ ބަޔަކު ނެތި މުޖުތަމަޢުގައި ތިބި އިތުރު މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށް ލިބުނު ފުރުޞަތެއް ކަމަށެވެ. އަދި މަރުކަޒުގައި 199 މީހުން މިހާރު ވެސް އެބަތިބި ކަމަށާއި އެއީ މިހާރު ހުރި ޖާގައަށްވުރެ އިތުރު އަދަދެއް ކަމަށެވެ. ސްޓެލްކޯއިން ކޮށްދިން މަރާމާތާއެކު 28 ޖާގަ އިތުރުވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯ ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އަބަދުވެސް މަސައްކަތްކުރަނީ، މުޖުތަމަޢުގައި ތިބި އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެހީވުމަށް ކަމަށެވެ. އަދި ކުރިއަށް އޮތްތާނގާ ވެސް މިފަދަ އެހީތައް ދެމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، އުޅޭނެ ތަނެއް އަދި ބަލާނެ ބަޔަކު ނެތް މީހުން ދައުލަތުގެ ބެލުމުގެދަށަށް ގެނެސް ބަލަހައްޓަމުންދާ މަރުކަޒެވެ. ގުރައިދޫ މަރުކަޒުގައި ގިނައިން ބަލަހައްޓަމުންދަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. މަރުކަޒުގައި މީހުން ބަލަހައްޓާތާ 45 އަހަރު ވަނީ ވެފަ އެވެ.