ސްކޮލަރޝިޕް ފުރުޞަތުތަކާއެކު މިއަންނަ އަހަރުގެ ޖެނުއަރީ މަހު އެވިޑް ކޮލެޖުން ހިންގުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެކޮލެޖުން މިއަދު ހުޅުވާލައިފިއެވެ.

މިކަން އިއުލާނު ކުރީ މިއަދު ހެނދުނު އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަސްގައި އެކަމަށް ޚާއްޞަކޮށްގެން ބޭއްވި ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ސީނިއަރ މެނޭޖްމެންޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޖެނުއަރީ އިންޓޭކު ރަސްމީގޮތުން ހުޅުވައިދެއްވަވައި ޖެނުއަރީ އިންޓޭކަށް ޚާއްޞަކޮށްގެން ހުޅުވާލި ނައިބް ރަޝާދު ސްކޮލަރޝިޕް ފުރުޞަތުތައް ޢިއްލާން ކުރެއްވެވީ އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދެވެ.

މިފަހަރު އެވިޑް ކޮލެޖުން ޖުމުލަ 50 ސްކޮލަރޝިޕްގެ ފުރުޞަތަށް ހުޅުވާލާފައިވެއެވެ. އޭގެތެރެއިން 30 ސްކޮލަރޝިޕް ފުރުޞަތު ޚާއްޞަކޮށްފައި ވަނީ ހުވަދު އަތޮޅުގައި ހުންނަ އެވިޑް ކޮލެޖްގެ ތިނަދޫ ކެމްޕަހުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށެވެ. އެއީ މާސްޓަރސްގެ ޕްރޮގްރާމްތަކަށް 5 ފުރުޞަތު، ޑިޕްލޮމާގެ ކޯސްތަކަށް 10 ފުރުޞަތު އަދި ފައުންޑޭޝަންއަށް 15 ފުރުޞަތެވެ.

20 ސްކޮލަރޝިޕް ފުރުޞަތު ޚާއްޞަކޮށްފައިވަނީ މާލޭގައި ހުންނަ ޑައިމަންޑް ކެމްޕަހުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށެވެ. އެއީ މާސްޓަރސްގެ ޕްރޮގްރާމްތަަކަށް 5 ފުރުޞަތު، ޑިޕްލޮމާގެ ކޯސްތަކަށް 5 ފުރުޞަތު އަދި ފައުންޑޭޝަންއަށް 10 ފުރުޞަތެވެ.

2022 ވަނައަހަރުގެ ޖެނުއަރީ އިންޓޭކާއި އަދި ސްކޮލަރޝިޕް ފުރުޞަތުތަކުގެ މަޢުލޫމާތު ހޯއްދެވުމަށް މާލޭގައި ހުންނަ ޑައިމަންޑް ކެމްޕަހަށް ނަމަ 3006768 ނަންބަރަށް އަދި ގދ. ތިނަދޫ ކެމްޕަހަށް ނަމަ 6846768 ނަންބަރަށް ގުޅުއްވުމަށް އެވިޑް ކޮލެޖުން އެދިލައްވައެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ. މިހާރުވެސް އެކޮލެޖުގެ އެކިއެކި ކޯސްތަކުގައި 2500 އަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ޙާޞިލްކުރަމުން އެބަގެންދެއެވެ