ރޭވިގެން ސިލްސިލާކޮށް ޓެރަރިޒަމް ފަދަ ކުށްތަކަށް އަރައިގަންނަ މިންވަރު އިތުރުވަމުންދާކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން ބުނެފިއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ވަނީ ރޫޓް ކުންފުނީގެ ފައިސާތަކެއް ފޭރެން ބަޔަކު މަސައްކަތް ކުރި މައްސަލައާ ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުވުމަށް ވަޑައިގެން އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، މިހާރަކަށް އައިސް ރޭވިގެން ސިލްސިލާކޮށް ކުށްތަކަށް އަރައިގަންނަ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ވަޅިން ޙަމަލާދިން ހާދިސާ ފާހަގަކުރައްވާ މަންސޫރު ވިދާޅުވީ ޓެރަރިޒަމްގެ ކުށްތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި މިކަމުގައި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަންވެސް ޒަކަރިއްޔާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުވުމަށް ވަޑައިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވީ، ރޫޓްގެ ފައިސާ ފޭރުމުގައި ބައިވެރިވި 4 މީހުންނާއި، ވޭނަށް ފާރަލަމުން ދިޔަ އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަމަލީ ގޮތުން މި ފޭރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ވަނަވަރު އާއްމުކޮށްފައި ވަނީ ވ. ޕިންކްވިލާ، އަޙްމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ޙުސައިން ޢަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، ޢަބްދުﷲ ރާޝިދު (27އ) އެވެ.