އެވިޑް ކޮލެޖްގެ މިއަހަރުގެ ކޮންވޮކޭޝަން ބާއްވާ ތާރީޚް ކަނޑައަޅައިފިއެވެ.

އެ ކޮލެޖުން ބުނީ ދިވެހި ރާއްޖެގައި ކޯވިޑް 19 ގެ ހާލަތުގެ ގޯސްވުމުގެ ސަބަބުން މިދިޔަ އަހަރު އެކިއެކި މުއައްސަސާތަކުން ހިންގުމަށް ކަނޑަ އަޅާފައިވާ ގިނަ ކަންތައްތަކެއް ނުކުރެވޭ ކަމަށާއި އެގެތެރެއިން އެއްކަމަކީ އެވިޑް ކޮލެޖުން ކޮންމެ އަހަރު ކުލަގަދަ ގޮތެއްގައި ބާއްވަމުން ގެންދާ އެ ކޮލެޖްގެ ކޮންވޮކޭޝަން ރަސްމިއްޔާތު ކަމަށެވެ.

ނަމަވެސް މިއަހަރު އެވިޑް ކޮލެޖްގެ ކޮންވޮކޭޝަން ބާއްވާނެކަމަށް އެކޮލެޖުން މަޢުލޫމާތު ދެއްވައެވެ. 2020 އަދި 2021 ވަނައަހަރު ހިމެނޭގޮތަށް މިއަހަރު އެވިޑް ކޮލެޖުގެ ކޮންވޮކޭޝަން ބާއްވާނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގައެވެ. އެވިޑް ކޮލެޖުން މަޢުލޫމާތު ދެއްވި ގޮތުގައި އެރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައިވަނީ ދެބަޔަކަށް ބަހާލައިގެން އެ ދުވަހުގެ ހެނދުނާއި ރޭގަނޑުގައެވެ.

މި ދެއަހަރު ތެރޭގައި އެކިއެކި ދާއިރާތަކުގެ ތަފާތު ކޯސްތަކުން ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ގްރެޖުއޭޓް ވާނެއެވެ. އެހެންނަމަވެސް އެދަރިވަރުންގެ ތެރެއިން ކޮންވޮކޭޝަން ރަސްމިއްޔާތުގައި ބައިވެރިވަނީ ކިތަށް ކުދިންކަން އެނގޭނީ ކޮންވޮކޭޝަނުގައި ބައިވެރިވުމަށް އެދި ފޯރމް ހުށަހަޅަންޖެހޭ މުއްދަތު ހަމަވުމުން މިމަހުގެ 10 ވަނަދުވަހުގެ ފަހުންނެވެ.

އެވިޑް ކޮލެޖްގެ މިއަހަރުގެ ކޮންވޮކޭޝަން ރަސްމިއްޔާތާއި ގުޅޭގޮތުން މަޢުލޫމާތު ހޯއްދެވުމަށް 7269094 ނަންބަރަށް ގުޅުއްވުމަށް އެވިޑް ކޮލެޖުން އިލްތިމާސްކުރެއެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީތަޢުލީމު އަތްފޯރާ ފަދަ އަގެއްގައި ފޯރުކޮށްދެމުންގެންދާ ރާއްޖޭގެ އެންމެ ބޮޑު އެއްކޮލެޖެވެ.