މަގުމަތީގައްޔާއި އޮފީހުގައި މީހަކު ބޭނުންވާ ނުބައި މަގުސަދެއް ހާސިލް ކުރުމަށް އެހެން މީހުންނަށް ބިރު ދެއްކުމަކީ ހަނގުރާމަ ކުރުން ފަދަ އަމަލެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

އަނިޔާތަކާ ދުރުހެލިވުމުގެ މައްޗަށް ލިޔުއްވާފައިވާ ޚުތުބާގައި ވިދާޅުވެފައިވަނީ "މަގުމަތީގައި ނުވަތަ އޮފީހުގައި މީހަކު ބޭނުންވާ ނުބައި މަގުސަދެއް ހާސިލް ކުރުމަށްޓަކައި އަނެކުންނަށް ބިރު ދެއްކުމަކީ ހަނގުރާމަ ކުރުން ފަދަ އަމަލެކެވެ." ފުރިހަމަ މުސްލިމަކީ އޭނާގެ މުދަލާއި އަތުގެ އުނދަގުލުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ ކަމަށް ލޮބުވެތި ނަބިއްޔާ ޙަދީސް ކުރައްވާފައިވާ ކަމަށް ވެސް ޚުތުބާގައި ވިދާޅުވެފައިވެއެވެ.

މަގުމަތީގައްޔާއި ބާޒާރު މަތީގައްޔާއީ އޮފީސްއޮފީހުގައި މީހުންނަށް އެކިބާވަތުގެ ގޯނާ ކުރުމަކީ އަދުގެ މުޖުތަމައުގައި ފެތުރިފައިވާ ވަބާއެއް ކަމަށް ވެސް ޚުތުބާގައި ވިދާޅުވިއެވެ. މިފަދަ ކަންކަމަކީ ބިމުގައި ފަސާދަކުރުން ފަދަ ކަންކަން ކަމަށް ޒަމާނީ ފިގުހީ މައްސަލަތައް ދިރާސާ ކުރައްވާ އިލްމުވެރީން ވިދާޅުވެފައިވާ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

އެންމެ އޯގާތެރިކޮށް ހިތަން ޖެހިފައިވާ މީހުންނަށް އަނިޔާވެރި ވުމަކީ ގެއްލުންހުރި ހަޑިހުތުރު އަމަލެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ހަޔާތުގެ ބައިވެރިޔާއަށް ވިޔަސް އަދި އެހެން މީހަކަށް ވިޔަސް އެއްވެސް ގޯނާއެއް ނުވަތަ އަނިޔާއެއް ކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަމަށް ވެސް ޚުތުބާގައި ވިދާޅުވެފައިވެއެވެ. މާތްﷲ ފިރިންނަށް އަންގަވާފައިވަނީ ރިވެތި ގޮތުގައި އެމީހުންގެ އަނބީންނާ މުއާމަލާތު ކުރުމަށް ކަމަށް ވެސް ޚުތުބާގައި ވިދާޅުވިއެވެ. މާތްﷲ ވަހީކުރައްވާފައިވަނީ "އަދި ހެޔޮގޮތުގައި އެކަނބަލުންނާއެކު ތިޔަބައި މީހުން އުޅޭށެވެ. ތިޔަބައި މީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ!) ބައެއް ފަހަރަށް ތިޔަބައި މީހުން އެ އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި އެ އެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ." ޚުތުބާގައި ވިދާޅުވިއެވެ.