މަސްވެރިންގެ ދުވަހާ ގުޅުވައިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން “އޮޑިވެރިޔާ” ފޯރަމް ބާއްވައިފިއެވެ.

މިއަދު އެ ފޯރަމް ބޭއްވީ ކ. ގާފަރުގައެވެ. އެމްޓީސީސީން ބުނީ އެ ފޯރަމް ބޭއްވުމުގެ މައިގަނޑު މަގުދަތަކީ އެ ކުންފުނިން ވިއްކާ މެރިން ދާއިރާގެ ޕްރޮޑަކްޓުތަކާއި ހިދުމަތްތަކުގެ މައުލޫމާތާއި، ބޯޓު ޔާޑުން ލިބޭ ހިދުމަތްތަކުގެ މައުލޫމާތު ހިއްސާކުރުން ކަމަށެވެ.

އެ ފޯރަމުގައި އެމްޓީސީސީގެ ބޯޓުޔާޑާއި، ކަށަވަރުގެ ހިދުމަތްތަކާ ގުޅޭގޮތުން އެ ކުންފުނީގެ އިންޖީނިއަރިން އަދި ޓްރޭޑިން ޑިވިޝަނުގެ 6 މެންބަރުން ހިމެނޭހެން ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ޔަންމާ އިންބޯޑު އިންޖީނު، ސުޒުކީ އައުޓްބޯޑް އިންޖީނު، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ޕްރޮޓެކްޓިވް މެރިން ކޯޓިން، އަދި ބޯޓު ޔާޑުންދޭ ޑޮކިން، އިންޖީނިއަރިން، ވެލްޑިން، މެޓަލް ފެބްރިކޭޝަން، ފައިބާ އައި ވަޑާމުގެ ހިދުމަތްތަކުގެ މައުލޫމާތުވެސް ހިއްސާކުރިއެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ މެރިން ދާއިރާއަށް ބޭނުންވާ ހުރިހާ މުދަލަކާއި ހިދުމަތެއްގެ ހައްލު އެއްފުރާޅެއްގެ ދަށުން އޮޑިވެރީންނާއި މަސްވެރިންނަށް ލިބޭނެ މަގުފަހި ކޮށްދިނުން ކަމަށެވެ. އަދި ރައްޔިތުންނާ ގާތުން ހިދުމަތްތައް ފޯރުކޮށްދީ، އެ ކުންފުނީގެ ހިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ އަބަދުވެސް އެ ކުންފުނީގެ އަމާޒެއް ކަމަށް ބުންނެވެ.