އިނގިރޭސި ވިލާތުގެ ކުރީގެ ޕްރައިމް މިނިސްޓަރުކަން ކުރެއްވި ވިންސްޓަން ޗާރޗިލް އެއްފަހަރަކު ވިދާޅުވިއެވެ. [ތިމަންނާ، އިންޓަވިއު އަކަށް ބީބީސީ އޮފީހަށް ދާން ޓެކްސީއެއް ނެގީމެވެ. ދަތުރު ނިމުމުން، އެ ޓެކްސީގައި އެނބުރި ދިޔުމުގެ ނިޔަތުގައި، އިންޓަވިއު ނިންމާލާފާ އެނބުރި އަންނަންދެން މަޑުކޮށްދިނުމަށް ޑްރައިވަރުގެ ކިބައިން އެދުނީމެވެ.] އޭނާ މަޢާފާ އެކު ބުންޏެވެ. [މަޑުކޮށްގެން އޮވެވޭކަށް ނެތެވެ. ވިންސްޓަން ޗާރޗިލްގެ ވާހަކަ އަޑުއަހަން ގެއަށް ދާން ބޭނުމެވެ.] އަހަރެންގެ ވާހަކަ އަޑުއަހަން މި ޑްރައިވަރުގެ ހުރި ޝައުޤުވެރިކަން އެނގުމުން އަހަރެން ވަރަށް އުފާވިއެވެ. އެހެންވެ އަހަރެންނަކީ ވިންސްޓަން ޗާރޗިލްކަން އޭނާއަށް ނާންގައި އިތުރު ދިހަ ޕައުންޑު އޭނާއަށް ދިއްކޮށްލީމެވެ. އެ ފައިސާ ލިބުމާ އެކު، އޭނާ ބުންޏެވެ. [ސާހިބާ އެވެ! ސާހިބާ އެނބުރި ވަޑައިގަންނަވަންދެން އަޅުގަނޑު އިންތިޒާރުގައި އޮންނާނަމެވެ. ޗާރޗިލް ނަރަކައަށް ދިޔަޔަސް މަށަށް ކީތްހެއްޔެވެ؟]

ޗާރޗިލް ވިދާޅު ވިއެވެ. [މުދަލަށްޓަކައި ތިމާ ޤަބޫލު ކުރާ އަސާސްތައް ބަދަލު ވެގެން ދާ ތަން ތިބާ ދެކޭށެވެ! ޤައުމުތައް ވަނީ މުދަލަށް ވިކި ހަފުސް ވެފައެވެ. ޝަރަފުވެރި ވަނީ އަތުގައި ފައިސާ ހުރީމައެވެ. މުދަލާ ހުރެ ޢާއިލާތައް ވަނީ ބައިބައިވެ ވިއްސިވިހާލި ވެފައެވެ. ރަޙްމަތްތެރިން ވަނީ ގުޅުން ކެނޑިފައެވެ. ލޯބިވެސް ވަނީ މުދަލަށްޓަކައެވެ. މީސްތަކުން ވަނީ މުދަލުގެ އަޅުންނަށް ވެފައެވެ.]

މި އުއްމަތުގެ ދެވަނަ ޚަލީފާ ޢުމަރު ބްނުލް ޚައްޠާބު ރަޟިޔަ ﷲ ޢަންހުގެ ޚަލީފާކަމުގެ ދުވަސްވަރު، ފާރިސްކަރަ ފަތަޙަކޮށްގެން ގެނައި ޣަނީމާ މުދާތައް އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ގެނެވުނެވެ. އޭގެތެރޭގައި އަގު ބޮޑު ގަހަނާއާއި ޖަވާހިރާއި އެތައް ބައިވަރު އަގުނުކުރެވޭފަދަ ގިނަގުނަ މުދާ ހުއްޓެވެ. އެ މުދާތައް ފެނިވަޑައިގަތުމުން އެކަލޭގެފާނަށް ކީރިތި ކުރެއްވުނެވެ. އަދި ވިދާޅުވިއެވެ. [މި މުދާތައް ގިނަވެގެންދިޔަ އެއްވެސް ޤައުމެއްގައި، މީސްތަކުންގެ ޙުރުމަތް ކަނޑައި ލޭ ނުއޮހޮރުވައެއް ނެތެވެ.]

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. أَلْهَاكُمُ التَّكَاثُرُ ‎﴿١﴾‏ حَتَّىٰ زُرْتُمُ الْمَقَابِرَ ‎﴿٢﴾‏ ‏(سورة التكاثر).

[މުދަލާއި ދަރިން ގިނަކަމަށް އެކަކުއަނެކަކަށް ފަޚުރުވެރިވެ އުޅުން، ތިޔަބައިމީހުން ﷲ ގެ މަތިން ހަނދުމަނެއްތައި އަވަދިނެތި ކޮށްފިއެވެ. ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ. (އެބަހީ: މަރުވެއްޖައުމަށް ދާނދެނެވެ.)]

ވީއިރު، މުދަލަށްޓަކައި ތިމާގެ ދުނިޔެއާއި އާޚިރަތް ވިއްކާލާ ބަޔަކަށްވުރެ އަބާއްޖަވެރި ބަޔަކު ތިބޭނެތޯއެވެ؟ ނުތިބޭނެކަން ކަށަވަރެވެ.

(ނިމުނީ)