އިންސާނާ އޭނާގެ ޙަޔާތް ހޭދަކުރަމުން މިދާ ޒަމާނަކީ މަޢްލޫމާތުގެ ގޮތުން އެންމެ ކުރިއަރާފައިވާ ޒަމާނެވެ. Information age އެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައި، ހުރިހާ ޢުމުރަކަށް ވަނީ ތަޢްލީމު ޙާޞިލްކުރުމުގެ ފުރުޞަތު ހުޅުވިފައެވެ. ކުއްޖާ ދުނިޔެއަށް ނޭވާލަނީ އައިޕެޑެއްގެ މައްޗަށޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. މިގޮތުން ބަލާއިރު، ހުރިހާ މަޢްލޫމާތެއް މިއަދު މިވަނީ އަހަރުމެންގެ އިނގިލި ކުރީގައެވެ. އައިޕެޑާއި ލެޕްޓޮޕާއި ކޮމްޕިޔުޓަރާއި ސްމާޓް ފޯނުގެ އެހީގައި، ގޫގުލް ޝެއިޚް މެދުވެރިކޮށް، ބޭނުންވާ ކޮންމެ މަޢްލޫމާތެއް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހޯދާލެވެއެވެ. ނަމަވެސް މި ހުރިހާ ކަމެއް މިހާ ބޮޑަށް ފަހިވެފައިވާ ދުވަސްވަރެއްގައި، ބައެއް ހޭލުންތެރިން ދައްކާ ވާހަކަތަކާމެދު ޙައިރާންވެ އަންތަރީސް ވާން ޖެހެއެވެ.

ބައެއް މީހުން ބުނާ ގޮތުގައި، ކާއިނާތުގައި ހިނގާ ކަންތައްތަކަކީ، އެއްވެސް ބާރުވެރި ފަރާތެއްގެ ބާރުވެރިކަމެއް ނެތި، ހިތަށް ހިނގާ ކަންތައްތަކެކެވެ. މިއީ ޢިލްމީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. މިފަދަ ވާހަކަ ދައްކާ މީހުންނަކީ ހެއްދެވި ފަރާތެއް ވާކަން ޤަބޫލުކުރާ ބަޔަކު ކަމުގައި ނުވެއެވެ. އަދި މިފަދަ ވާހަކަ ދައްކާ މީހުންނަކީ ޖާހިލިއްޔަ ޒަމާނުގައިވެސް އުޅުނު ބައެކެވެ.

ޖާހިލިއްޔަ ޒަމާނާ އަޅާ ބަލާއިރު މިއަދު މިވަނީ ހުރިހާ ގޮތަކުންވެސް ހެއްދެވި ފަރާތެއް ވާ ކަމުގެ ޔަޤީންކަން ބޮޑުވެ، އެކަމަށް އިންކާރު ކުރާނެ ޖާގަ ނެތިފައެވެ. އެހެނީ، އިންސާނާ އޭނާގެ ވަށައިގެން ބަލާލިކަމުގައި ވިޔަސް ފެންނަމުން ދަނީ، ކުޅަދުންވަންތަ ކަލަކު ވޮޑިގެން ވާކަމުގެ ހެކިތަކެވެ.

މަދިރިއަކީ ވަރަށް ނިކަމެތި މަޚްލޫޤެކެވެ. މި ނިކަމެތި މަޚްލޫޤާ ބެހޭގޮތުން ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި މިސާލެއް ޖެއްސެވިއެވެ. ވީއިރު މި ނިކަމެތި މަޚްލޫޤުގެ ކިބައިގައި ވަނީ ކުޅަދުންވަންތަކަމުގެ ކޮން ހެކިތަކެއްތޯއެވެ؟

މަދިރީގައި ﷲ ތަޢާލާ، ސަތޭކަ ލޯ ލައްވާފައި ވެއެވެ. އަދި އަނގައިގައި ސާޅީސް އަށް ދަތް ލައްވާފައި ވެއެވެ. އަދި އެތެރެހަށީގައި ތިން ހިތް ލައްވާފައި ވެއެވެ. އަދި އޭގެ ހޮނޑުގަނޑުގައި ހަ ވަޅި ލައްވާފައި ވެއެވެ. އެ ވަޅިތައް ބޭނުންކުރެވެނީ، ލޭ ބުއިމަށްޓަކާ އިންސާނާގެ ހަށިގަނޑުގައި މިވާ ވަރުގަދަ ހަންގަނޑު ފަޅާލައިގެން އެ ސޮރުގެ ހޮނޑުގަނޑު ވެއްދުމަށް ކުރާ އޮޕަރޭޝަނުގައެވެ. މި އޮޕަރޭޝަނުގެ ތެރޭގައި، މަދު ސިކުންތުކޮޅެއްގެ ތެރޭގައި އާދަޔާ ޚިލާފު ގިނަ ޕްރޮސެސްތަކެއް، ހިންގުމުގެ ޤާބިލްކަން މަދިރިއަށް ދެއްވާފައި ވެއެވެ. އެގޮތުން، ހަންގަނޑު ފަޅާލުމުގެ ކުރިން ފޮނުވާ ދިޔަވަރަކުން، ތަން އައްސި ކޮށްލައެވެ. އަދި ފަޅާލައި ހޮނޑުގަނޑު ވެއްދުމާއެކު، ބޭރަށް ލޭ ފޭދިގެން ދިޔުން ބަންދު ކުރުމުގެ ގޮތުން އެހެން ދިޔަވަރެއް ދޫކޮށްލައި ލޭ ބަންދުކޮށްލައެވެ. އަދި ލޭ ބޯން ފެށުމުގެ ކުރިން ލޭ ތަޙްލީލުކޮށް އެއީ ބޯން ކަމުދާ ލެއެއްތޯ ބެލުމުގެ ޤާބިލްކަންވެސް އެ ސޮރަށް ވަނީ ދެއްވާފައެވެ. އަދި އެ ސޮރުގެ ނާޒުކު ހޮނޑުގަނޑުން ލޭ ދަމަގަތުމަށްޓަކައި ލޭ ތުނިކުރުމުގެ ޤާބިލްކަންވެސް އެއަށް ދެއްވާފައި ވެއެވެ. އަދި ރޭގަނޑުގެ ކަނު އަނދިރީގައި ލޭ ބޯން މީހުން ހޯދުމަށް އެހީވެދޭނެ އިންފްރާރެޑް ފަދަ ތާމަލް ސިސްޓަމެއް އެއަށް ލިބިގެން ވެއެވެ. އަދި ހަމަ އެހެންމެ، އިންސާނުންގެ އަށިގަނޑުން ހިއްލާ ދަލުގެ ވަސް، ކިލޯމީޓަރެއްގެ ދުރުމިނުން ދެނެގަނެވޭ ފަދަ ސިސްޓަމެއްވެސް އެސޮރަށް ދެއްވާފައި ވެއެވެ. އަދި މި ހުރިހާ ކަމެއްގެ އިތުރުން، ބިސް އެޅުމަށްޓަކާ ފެން ހުންނަ ތަންތަން ދަނެގަންނާނެ ސިސްޓަމެއްވެސް އެސޮރުގެ ބަނޑުދަށުގައި ލައްވާފައި ވެއެވެ. އަދި މީގެ އިތުރުންވެސް ﷲ ގެ ކުޅަދުންވަންތަކަމުގެ އެތައް ހެއްކެއް މި ކުޑަކުޑަ މަދިރީގައި ވެއެވެ.

ވީއިރު ހަމަ އެކަނި މި ކުޑަކުޑަ މަދިރިއާ ބެހޭގޮތުން ވިސްނައި ފިކުރުކުރި މީހަކަށްވެސް ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމާއި މަތިވެރިވަންތަކަން ހާމަވެގެން ދާނެއެވެ. މިފަދަ ޢިލްމީ ޒަމާނެއްގައި މި ކަންކަން އެނގިގެން ތިބެ، ކުޅަދުންވަންތަ ކަލަކު ވޮޑިގެންވާ ކަމާމެދު އިންކާރު ކުރުމަކީ ލަދުވެތިވާން ޖެހޭ ކަމެކެވެ.

އަޅުގަނޑު އެއްފަހަރަކު، ސްކޫލެއްގައި، ދަރިވަރުންނަށް، މަދިރީގެ ވާހަކަ ކިޔައިދިން ރެއެއްގައި އެ ސްކޫލުން ދިމާވި ޒުވާނަކު ބުންޏެވެ. އޭނާއަށް ތެދު މަގު ފެނުނީ، ކޮންމެވެސް އެއްޗަކުން މަދިރީގެ ވާހަކަ ފެނިގެންނެވެ.

އަދި އެހެން ވާހަކައެއްވެސް ދަންނަވާލާނަމެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮންނަނީ، މިފަދަ ހޯދުންތަކުގައި ތިމާގެ އަގުހުރި ވަގުތު ހޭދަކުރުމަކީ އިސްލާމްދީން ތަރްޙީބުދޭ ކަމެއް ނޫންކަމަށެވެ. މިއީ ވަރަށް ބޮޑު ކުށް ހީއެކެވެ. އެހެނީ މިއިން ކޮންމެ ހޯދުމަކުން ސާބިތުވެގެން މި ދަނީ ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމެވެ. އަދި އަޅުގަނޑު ދަންނަވާނީ ކީރިތި ޤުރްއާނުގެ މަންހަޖަކީވެސް މިއީ ކަމަށެވެ. ﷲ ގެ ޚަލީލް އިބްރާހީމް ޢަލައިހިއްސަލާމް، މަރުވެފައިވާ ތަކެތި ދިރުއްވާ ގޮތް ދެއްކެވުމަށް ﷲ ތަޢާލާގެ ޙަޟްރަތުން އެދިވަޑައިގަތީ އެކަލޭގެފާނުގެ އީމާންކަން ބަލިކަށިވެގެންތޯއެވެ؟ އެކަލޭގެފާނު ބޭނުންފުޅުވެ ވަޑައިގަތީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަން [ލޮލުން ދެކެ އަތުން ހިފުމަށެވެ.] ކީރިތި ޤުރްއާނުގެ އާޔަތްތަކުން ދޭހަވަނީ ﷲ ގެ މިފަދަ ހެކިތަކާމެދު ވިސްނައި ފިކުރުކުރާ މީހުންނާމެދު ތަޢްރީފުގެ ބަސްފުޅުތައް އައިސްފައިވާ ކަމެވެ.

މިއަދު ދުނިޔޭގެ ކަންކޮޅުތަކުން ފެންނަމުންދަނީ އިންސާނާ ކަންކަމާމެދު ވިސްނައި ފިކުރުކޮށް، ކަންތައްތައް ހޯދިވަރަކަށް، އޭނާއަށް ތެދުމަގު ލިބި އިސްލާމްދީނަށް ވަންނަމުންދާ މަންޒަރެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ ‎﴿٥٣﴾ (سورة فصلت). މާނައީ: [އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ نفس ތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ حق ތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާނދެނެވެ.]

(ނިމުނީ)