ﷲ ތަޢާލާގެ ޛިކުރު ކުރުމަކީ އެންމެ މަތިވެރި އަޅުކަމުގެތެރެއިން ހިމެނޭ ކަމެކެވެ. އެހެނީ އެ އިލާހު ވަނީ އެކަމަށް އަޅުގަނޑުމެންނަށް އަމުރުކުރައްވާފައެވެ. މިކަން އަންގަވައި އެކަލާނގެ ވަޙީކުރެއްވި ބަސްފުޅެއްގައި ވެއެވެ. فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ ‎﴿١٥٢﴾ (سورة البقرة). މާނައީ: [ފަހެ، ތިޔަބައިމީހުން ތިމަން އިލާހަށް ޛިކުރު ކުރާށެވެ. އޭރުން ތިމަން އިލާހު ތިޔަބައިމީހުންގެ މަތިން ހަނދުމަކުރައްވާހުށީމެވެ.]

އަދި ހަމަ އެހެންމެ އިސްލާމްދީނުގެ އެންމެ މުހިއްމު އެއްރުކުން ކަމުގައިވާ ނަމާދުވެސް ގުޅިފައިވަނީ ﷲ ގެ ޛިކުރާއެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވެއެވެ. وَأَقِمِ الصَّلَاةَ لِذِكْرِي ‎﴿١٤﴾(سورة طه). މާނައީ: [އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު قائم ކުރައްވާށެވެ!]

ﷲ ތަޢާލާގެ ޛިކުރުން ޣާފިލުވެގަތުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. އެއީ އުނދަގޫ ދިރިއުޅުމަކަށް މަގުފަހިވެގެން ހިނގައިދާނެކަމެކެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ ‎﴿١٢٤﴾ (سورة طه‏). މާނައީ: [އަދި ތިމަންރަސްކަލާނގެ ޛިކުރަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި قيامة ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި محشر އަށް ފޮނުއްވާހުށީމެވެ.] އަދި އެހެން އާޔަތެއްގައި އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. وَمَن يَعْشُ عَن ذِكْرِ الرَّحْمَٰنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ ‎﴿٣٦﴾ (سورة الزخرف). މާނައީ: [رحمن ވަންތަ ރަސްކަލާނގެ ހަނދުމަކުރުމަށް ކަނުވެގަންނަ މީހާއަށް ތިމަންރަސްކަލާނގެ شيطان އެއް ފާކުރައްވާހުށީމެވެ. ފަހެ، شيطان އާ އޭނާޔާ ވަކިނުވެ، އެކުގައި އުޅޭނެތެވެ.]

ޛިކުރުގެތެރެއިން އެންމެ މަތިވެރި ޛިކުރަކީ ތައުޙީދުގެ ކަލިމައެވެ. جَابِر رَضِيَ الله عَنْهُ ވިދާޅުވިއެވެ. ނަބިއްޔާ صَلَّى الله عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި އަޑު ތިމަންކަލޭގެފަނު އެއްސެވީމެވެ. "أَفْضَلُ الذِّكْرِ لَا إِلَهَ إِلَّا اللهُ". (أخرجه الترمذي). މާނައީ: {އެންމެ މަތިވެރި ޛިކުރަކީ "لَا إِلَهَ إِلَّا اللهُ"އެވެ.}

އަދި ހަމަ އެހެންމެ ކީރިތި ޤުރްއާން ކިޔެވުން ހިމެނެނީވެސް އެންމެ މަތިވެރި ޛިކުރުގެ ތެރޭގައެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ. إِنَّ الَّذِينَ يَتْلُونَ كِتَابَ اللَّهِ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَارَةً لَّن تَبُورَ ‎﴿٢٩﴾ (سورة فاطر). މާނައީ: [ހަމަށަވަރުން، ﷲ ގެފޮތް ކިޔަވައި، އަދި ނަމާދު قائم ކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ، ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ.]

އަދި މީގެ އިތުރުންވެސް ﷲ އަށް ތަސްބީޙަ އާއި ތަޙްމީދު ކިޔުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތަކަކީ ގިނަގުނަ ޘަވާބާއި ދަރުމަ ހުރި ކަންކަމެވެ.

މާތް ނަބިއްޔާ صَلَّى الله عَلَيْهِ وَسَلَّمَ ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! އެންމެ މާތް ޢަމަލަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. [އެއީ ﷲ ގެ ޛިކުރުން ތިބާގެ ދޫ ތެމިގެންވާ ޙާލު، ތިބާ ދުނިޔެއިން ވަކިވެގެން ދިއުމެވެ.]

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަކީ ﷲ ތަޢާލާގެ ޛިކުރު ގިނަގިނައިން ކުރާ، ﷲ ހަނދުމަކޮށް އެ އިލާހަށް ގިނަގިނައިން ކުއްތަންވާ އަޅުންގެ ތެރެއިން ލެއްވުމެވެ.

(ނިމުނީ)