އެވިޑްކޮލެޖު 2020 އަދި 2021 ވަނައަހަރުގައި އެކޮލެޖުން މަތީ ތަޢުލީމު ޙާޞިލްކޮށް ތަފާތު ކޯސްތަކުން ސެޓްފިކެޓް ހާޞިލްކުރި ދަރިވަރުންގެ ގްރެޖުއޭޝަން ބާއްވައިފިއެވެ.

ގުރެޖުއޭޝަން ބާއްވާފައިވަނީ ދެ ދަންފަޅިއަކަށް ބަހައިގެން އިއްޔެއެވެ. ވަރަށް ކުލަގަދަ ގޮތެއްގައި ބޭއްވި ގުރެޖުއޭޝަން ފުރަތަމަ ދަންފަޅި ބޭއްވީ ހެނދުނުއެވެ. ދެވަނަ ދަންފަޅި ބޭއްވި ރޭގަނޑުއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ހުޅުމާލޭ ހުރަވީ ސްކޫލްގެ ހޯލްގައެވެ.

ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅި ޝަރަފްވެރިކޮށް ދެއްވާފައި ވަނީ ޑރ. ރަޝީދާ މުޙައްމަދު ދީދީއެވެ. ދެވަނަ ދަންފަޅި ޝަރަފްވެރި ކޮށްދެއްވީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ.

ރަސްމިއްޔާތުގައި ދަރިވަރުންނަށް ސެޓްފިކެޓްތައް ހަވާލުކުރުމުގެ އިތުރުން މީގެ އަހަރުތަކެއް ކުރިން އެވިޑް ކޮލެޖްގެ ޗެއާމަން ޢަބުދުﷲ މުޝްތާޤް ރަޝާދު ފެށްޓެވި މި މަސައްކަތާއެކު، ޗެއާމަން މުޝްތާޤްގެ މޭސްތިރިކަމުގެ ދަށުން މިއަދާއި ހަމައަށް އެ ކޮލެޖުންން ހާސިލްކޮށްފައިވާ އެކި ކާމިޔާބީތަކަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓް ގެނެސްދީފައި ވެއެވެ.

ޗެއާމަން މުސްތާގު: ފޮޓޯ އެވިޑްް

މި ރަސްމިއްޔާތުގައި އެވިޑްގެ ފެކަލްޓީތަކުން ދަސްވެނިމުނު ދަރިވަރުންނަށް ސަނަދު ހަވާލުކޮށްފައިވާއިރު، ފެކަލްޓީތަކުގެ އެކި ޕްރޮގްރާމްތަކުން އެންމެ ރަނގަޅު ނަތިޖާ ހޯދި ދަރިވަރުންނަށް އެވިޑްކޮލެޖްގެ މަތީ އަރުތަވެރިންގެ އެވޯޑް ވެސް ވަނީ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗެއާމަން މުޝްތާޤްވިދާޅުވީ، އެ ކޮލެޖުން މާސްޓަރ ޑިގްރީ ހާސިލްކުރި ދަރިވަރުން އެވިޑް ކޮލެޖުން ހިންގާ ތަފާތު ރިސާޗްތަކުގައި ބައިވެރިވުމަކީ އެދިވަޑައިގަންނަވާކަމެއްކަމުގައެވެ. އަދި އެވިޑްގެ ހަރަކާތްތަކުގައި އެކޮލެޖުގެ ދޮރުން ނުކުންނަ ދަރިވަރުންނަށް ބައިވެރިވެވި، ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިވެފައިވާކަމަށް ވެސް ޗެއާމަން ވިދާޅުވިއެވެ.

އެވިޑްގެ ތަޢުލީމީ ދަތުރު ސިފަކުރައްވަމުން މުޝްތާޤް ވިދާޅުވީ، އެ ދަތުރު ސިފަކުރައްވަނީ ބޮޑު އާގު ބޯޓެއްގައި، ގަދަ ކަނޑެއްގައި ގިނަ މައްސަލަތަކެއް ހިފައިގެން ކުރި ދަތުރެއްގެ ގޮތުގައިއެވެ. ބައެއް ހަމަލާތަކުން ރެކެންޖެހޭ ހާލަތު މެދުވެރިވި ނަމަވެސް، އެއްވެސް ހުއްޓުމެއްނެތި މިއަދާހަމައަށް މަސައްކަތްކުރެއްވީ އަމާޒަށް ވާސިލްވުމަށް ކަމަށް ޗެއާމަން ވަނީ ފާހަގަ ކުރަށްވާފައެވެ.

އެވިޑް ކޮލެޖްގެ ތަސައްވުރަކީ، އަބަދުވެސް އެ ވިޑްކޮލެޖަކީ ބައިނަލްއަގްވާމީ ގުޅުންތަކާއެކު ދިވެހިރާއްޖޭގައި މަތީ ތައުލީމްދޭ އެންމެ އިސް އެއް މުއައްސަސާއަށް ހެދުމެވެ.

އެވިޑުކޮލެޖަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދެމުންގެންދާ އެންމެ ބޮޑު އަމިއްލަ އެއްކޮލެޖެވެ.