ރާއްޖޭގެ މަޝްހޫރި ވިޔަފާރި އާއިލާ، ޗަމްޕާ ބްރަދާސްގެ "ކުރެއްދޫ ހޯލްޑިންގްސް" އިން ޅ.މަޑިވަރުގައި ތަރައްޤީ ކުރި އެއަރޕޯޓް ހިންގުން ރާއްޖޭގެ ޤައުމީ އެއަރލައިން، އައިލެންޑް އޭވިއޭޝަނާ މިއަދު ހަވާލް ކޮށްފިއެވެ.

އެގާރަ މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ކުރެއްދޫ ހޯލްޑިންގްސްއިން ތަރައްގީ ކުރި މަޑިވަރު އެއަރޕޯޓް ރަސްމީކޮށް އައިލެންޑް އޭވިއޭޝަނާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދުއެވެ.

ކުރެއްދޫ ހޯލްޑިންގްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މޫސާ (އުއްޗު) އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު އެއއްބަސްވުމުގައި ސޮއި ކުރުމަށްފަހު. ފޮޓޯ:މޯލްޑިވިއަން

މިހާރުވެސް 10 ރެޒޯޓް ހިންގަމުން އަންނަ ޅ.އަތޮޅުގައި، މަޑިވަރު އެއަރޕޯޓް ތަރައްޤީ ކޮށްފައި ވަނީ 1200 މީޓަރ ދިގު ރަންވޭ އަކާއި ފްލައިޓް/ޖެޓް ޕާކު ކުރާނެ ފެންވަރު ރަނގަޅު އޭޕްރަންއަކާއި ޓަރމިނަލްގެ އިތުރުން ފަޔަރ ބިލްޑިންގެއް ހިމަނައިގެންނެވެ. އެއަރޕޯޓުގެ އޮޕަރޭޝަންސްތައް ފެށޭވަރަށް އިކްއިޕްމަންޓްސް އާއި ގްރައުންޑް ހޭންޑްލިންއަށް ބޭނުންވާ ވެހިކަލްސް އެއަރޕޯޓަށް ވަނީ ހޯދާފައެވެ.

މަޑިވަރު އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަނީ. ފޮޓޯ: މޯލްޑިވްސް-މެގަޒިން.ކޮމް

އެއަރޕޯޓް ހިންގުމާ ހަވާލް ވުމަށްފަހު އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މިހާދު ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ޝެޑިއުލް ދަތުރުތައް އަންނަ ފެބްރުއަރީ މަހު ފެށުން ކަމަށެވެ.

މަޑިވަރުގައި އެއަރޕޯޓް ތަރައްޤީ ކުރަން ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލު ކުރީ ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި 2018 ވަނަ އަހަރުއެވެ. އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރެއްދޫ ހޯލްޑިންގްސްއިން ކުރިއަށް ގެންދިޔައީ ޗައިނާގެ ބީޔޫސީޖީއާ ހަވާލް ކޮށްގެންނެވެ.