أَبُو الَّليْثِ السَّمَرْقَنْدِي رَحِمَهُ اللهُ تَعَالَى ވިދާޅުވިއެވެ.
ހެޔޮ ކަމެއް ކޮށްފި މީހާ ހަތަރު ކަމަކަށް ބިރުވެތިވާން ޖެހެއެވެ.
ފުރަތަމަ ކަމަކީ: އޭނާގެ ޢަމަލު ޤަބޫލުނުވެދާނެކަމަށް ބިރުވެތިވުން؛
އެހެނީ، ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. {إِنَّمَا يَتَقَبَّلُ اللهُ مِنَ الْمُتَّقِينَ} [المائدة:27].
މާނައީ: [اللهُ ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤްވާވެރިންގެ ކިބައިންނެވެ.]
ދެވަނަ ކަމަކީ: އޭނާގެ ޢަމަލުގައި ދެއްކުންތެރިކަން ހިމެނިދާނެކަމަށް ބިރުވެތިވުން؛
އެހެނީ، ﷲ ތަޢާލާ ވަޙީކުރައްވަނީ: {وَمَا أُمِرُوا إِلا لِيَعْبُدُوا اللهَ مُخْلِصِينَ لَهُ الدِّينَ} [البينة:5].
މާނައީ: [ ބާޠިލް މަގުން އެއްކިބާވެތިބެ، اللَّه އަށް އަޅުކަން ޚާލިޞްކުރާ ޙާލު، اللَّه އަށް އަޅުކަންކުރުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ.]
ތިންވަނަ ކަމަކީ: އޭނާ ﷲ ގެ ޙަޟްރަތަށް ދާއިރު، އޭނާގެ ޢަމަލު ފަހަށް ރައްކާވެފައި ނުހުރެދާނެކަމަށް ބިރުވެތިވުން؛
އެހެނީ، ﷲ ތަޢާލާ ވަޙީކުރައްވަނީ: {مَنْ جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا} [الأنعام:160]،
މާނައީ: [ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ޘަވާބު ހުށްޓެވެ.] މިއާޔަތުން ދޭހަވަނީ، ﷲ ތަޢާލާ އޭނާއަށް ދިހަ ގުނަ އިތުރުކޮށްދެއްވަނީ އޭނާ އެ ހެޔޮ ޢަމަލާއިގެން ﷲގެ ޙަޟްރަތަށް ދިއުމުންކަމެވެ.
އެއާ ޚިލާފަށް، އޭނާ ބައިވަރު ނުބައިކަންތައް ކޮށް، އަނިޔާވެރިވެ، ޙައްޤުތަކަށް އަރައި ހެދުމަށްފަހު، ﷲ ގެ ޙަޟްރަތަށް ދިއުމުން، އެ އަނިޔާތަކާއި ޙައްޤުތަކަށް ބަދަލު ދެވޭނީ، އޭނާ ކޮށްފައިވާ ހެޔޮ ޢަމަލުތަކުންނެވެ. އެންމެ ފަހުން ވާނެ ގޮތަކީ، ބަދަލު ދެމުންގޮސް ހުރިހާ ހެޔޮކަމެއް ހުސްވެދާނެއެވެ. ވީމާ، މި ބިރުވެރިކަން ހިތުގައި އޮންނަނަމަ، އެފަދަ ކަންތައްތައް ކުރާކަށް ނުކެރޭނެއެވެ. އެކަމަށް ބިރުވެތި ވާނެއެވެ.
ހަތަރުވަނަ ކަމަކީ: ހެޔޮ ޢަމަލުކުރުމުގެ ތައުފީޤް ނުލިބިދާނެތީ ބިރުވެތިވުން؛
އެހެނީ، ﷲ ތަޢާލާ ވަޙީކުރައްވަނީ: {وَمَا تَوْفِيقِي إِلا بِاللهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ} [هود:88].
މާނައީ: [އަދި ﷲ ގެ ޙަޟްރަތުން މެނުވީ، އަހުރެންނަށް ތައުފީޤް ލިބުމެއްނުވެތެވެ. އަހުރެން ވަކީލު ކުރަނީ، އެކަލާނގެއަށެވެ. އަދި ތައުބާ ވަނީވެސް، އެކަލާނގެ ޙަޟްރަތަށެވެ.]