ފުރަތަމަ ޢަލާމާތަކީ: ޢަމަލު ޤަބޫލުނުވެދާނެކަމަށް ބިރުވެތިވުމެވެ.
ޝައްކެއްވެސް ނެތެވެ. ފުރިހަމަ މުއުމިނަކުނަމަ، އޭނާ ކުރާ ހެޔޮ ޢަމަލުތައް ޤަބޫލު ނުވެ ހިނގައިދާނެތީ، އަބަދުވެސް ބިރުވެތިވާނެއެވެ.
ދެވަނަ ޢަލާމާތަކީ: ހެޔޮ ޢަމަލުގެ މަތީގައި ދެމިހުރުމެވެ.
އެހެނީ، ހެޔޮ ޢަމަލުގެ މިސާލަކީ ރަނގަޅު ގަހެއްގެ މިސާލެވެ. އެގަހަށް ފެން ލިބުނުވަރަކަށް އެ ގަހުގައި މޭވާ އަޅައި ދޮންވެ ފައްކާ ވާނެއެވެ.
ތިންވަނަ ޢަލާމާތަކީ: ކުރެވުނު ހެޔޮ ޢަމަލުތައް މަދުކަމަށް ދުށުމާއި އެ ޢަމަލުތައް ކުރެވުނުކަމަށްޓަކާ ބޮޑާނުވުމެވެ.
އިޚްލާޞްތެރިންގެ ގޮތަކީ، ކިތަންމެ ގިނަ ހެޔޮ ޢަމަލުތަކެއް ކުރެވުނަސް، އެކަމަށް ފަޚުރުވެރިވެ، ބޮޑާވެނުގަތުމެވެ.
ސަބަބަކީ، ކިތަންމެ ގިނަ ހެޔޮ ޢަމަލު ކުރިކަމުގައި ވިޔަސް، ﷲ ތަޢާލާ އެ އަޅާއަށް ދެއްވާފައިވާ ނިޢްމަތްތަކުގެތެރެއިން އެންމެ ނިޢްމަތަކާވެސް އެ ޢަމަލުތައް ހަމަހަމަވެގެން ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. وَإِن تَعُدُّوا نِعْمَتَ اللَّـهِ لَا تُحْصُوهَا إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ ﴿٣٤﴾(سورة ابراهيم).
މާނައީ: [ ﷲ ގެ ނިޢްމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢްމަތްތައް ޢަދަދެއް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، ޝުކުރުކުރުން ނެތްމީހެކެވެ.]
ހަތަރުވަނަ ޢަލާމާތަކީ: ކިޔަމަންތެރިކަމަށް ލޯބިކުރުމާއި، ނުކިޔަމަންތެރިކަމަށް ނުރުހުމެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. {الَّذِينَ آمَنُواْ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللهِ أَلاَ بِذِكْرِ اللهِ تَطْمَئِنُّ الْقُلُوبُ} [الرعد:28].
މާނައީ: [އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟]
އެހެންކަމުން، މުއުމިނުންގެ ދުޢާއަކަށް ވާނީ: اللَّهُمَّ حَبِّبْ إِلَيَّ الإِيْمَانَ وَزَيِّنْهُ فِيْ قَلْبِيْ، وَكَرِّهْ إِلَيَّ الْكُفْرَ وَالْفُسُوْقَ وَالْعِصْيَانَ، وَاجْعَلْنِيْ مِنَ الرَّاشِدِيْنَ.
މާނައީ: އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! މި އަޅާ އީމާންކަމަށް ލޯބި ޖައްސަވައި، މި އަޅާގެ ހިތުގައި އީމާންކަން ޒީނަތްތެރިކުރައްވާނދޭވެ! އަދި މި އަޅާ، ކުފުރާއި ފާސިޤުކަމާއި އުރެދުމަށް ނުރުހުންތެރި ކުރައްވައި، ތެދުމަގު ލިބިގެންވާ މީހުންގެތެރެއިން ލައްވާނދޭވެ!]
ފަސްވަނަ ޢަލާމާތަކީ: ޢަމަލު ޤަބޫލުވުމަށް އެދިއެދި ހުރުމާއި ގިނަގިނައިން ދުޢާކުރުމެވެ.
އެހެނީ، ޢަމަލު ޤަބޫލު ނުވެ ހިނގައިދާނެކަމުގެ ބިރު އޮންނަފަދައިން، ޤަބޫލުވުމުގެ އުއްމީދު އޮތުންވެސް މުހިއްމެވެ.
މި ކަމުގައި ނަބީބޭކަލުން ހިންގެވި މަގަކީވެސް އެއީއެވެ. މިކަން އަންގަވައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
{إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا وَكَانُوا لَنَا خَاشِعِينَ} ﴿٩٠﴾ (سورة الأنبياء).
މާނައީ: [ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، ދުޢާކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ.]
މި ދެންނެވި ޢަލާމާތްތަކުގެ އިތުރުންވެސް، ޢަމަލު ޤަބޫލުވެވުނުކަމުގެ ޢަލާމާތްތަކެއް ވެއެވެ. އެއީ:
ޞާލިޙު އަޅުންނަށް ލޯބިކުރުމާއި، ނުބައި އަޅުންނަށް ނުރުހުންތެރި ވުން؛
ފާފަ ފުއްސެވުން އެދި ގިނަގިނައިން ދުޢާކުރުން؛
ހެޔޮ ޢަމަލުތައް ކުރުންމަތީ ދެމިހުރުން؛
ކުރީގައި ތިމާ ހުރި ޙާލަށްވުރެ ރަނގަޅު ޙާލަކަށް ބަދަލުވާން މަސައްކަތް ކުރުން؛
ހެޔޮޢަމަލުގެ ފަހަތުން ނުބައި ޢަމަލު ނުކުރުން؛
އެނބުރި ފާފައަށް ރުޖޫޢަނުވުން؛
ހިތް ސާފުވުން؛
އާޚިރަތްދުވަސް މަތިން ހަނދާންކުރުން.