ކ. ގުޅިގައި ސަރުކާރުން ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާ، ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުމަށްފަހު އެރަށުގެ ރައްޔިތުންނަށް ޚިދުމަތްދޭން ފަށައިފިއެވެ.
މިޚިދުމަތާއެކު މިއަދުން ފެށިގެން އެރަށުގައި ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ހިދުމަތް މިއަދުން ފެށިގެން ދެމުން ގެންދާނީ ސްޓެލްކޯއިން ކަމަށް އެކުންފުނީން ވިދާޅުވިއެވެ.
ގުޅީގެ ފެނާއި ނަރުދަމާގެ ހިދުމަތާ ސްޓެލްކޯއިން ހަވާލުވީ އެކަމަށްޓަކައި މިއަދު ގުޅީ ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ އެވެ. މި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރ ގެ އިތުރުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒްވަރާއި، ކުންފުނީގެ ބޯޑުގެ ބައެއް މެމްބަރުންނާއި، އިސްވެރިންގެ އިތުރުން، ގުޅީ ކައުންސިލް މެމްބަރުންނާއި، އެންވައިރޮމެންޓް މިނިސްޓްރީއާއި، ޕްލޭނިންގ މިނިސްޓްރީގެ ބައެއް އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ މިއީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމަށް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން މި ސަރުކާރުން ފެނާއި ނަރުދަމާގެ ޚިދުމަތް އެންމެ ފުރަތަމަ ފަށައިގަނެވޭ ރަށް ކަމަށެވެ.
އެގޮތުން 2019 ވަނަ އަހަރު ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރެވުނު މަސައްކަތުގެ ދަށުން މިއަދު މި ޚިދުމަތް ގުޅީ ރައްޔިތުންނަށް ލިބިގެންދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި އަދި އެހާމެ މުހިންމު އަސާސީ ދެ ޚިދުމަތެއްކަމަށް މެނޭޖިންޑިރެކްޓަރ ވިދާޅުވިއެވެ.
" މިސަރުކާރުގެ މުހިންމު އެއް ވައުދަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެ ސަރުކާރުގައި ފެނާއި ނަރުދަމާގެ ޚިދުމަތް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ޤާއިމްކުރެއްވުން. އެގޮތުން މި ރަށުގައި އެ ދެ ޚިދުމަތް ދިނުމުގެ މަސައްކަތް 2019 ވަނަ އަހަރު ފަށްޓަވައިދެއްވާ، މި މަޝްރުޢުގެ ދަށުން މި ދެ ޚިދުމަތް މިރަށުގެ އާބާދީއަށް ފޯރުކޮށް ދިނުމަށް މިއަދު އަޅުގަނޑުމެން މިވަނީ ފަށާފައި. މި ސަރުކާރުން މި ދެ ޚިދުމަތް ފަށައިގަންނަ ފުރަތަމަ ރަށަކީވެސް މި ރަށްކަން އަޅުގަނޑު ފާހަގަކޮށްލަން،" މުޣުނީ ވިދާޅުވި އެވެ.