އެވިޑް ކޮލެޖްގައި ރިސަރޗް ގްރާންޓް ސްކީމެއް ތަޢާރަފްކޮށް އެ ސްކީމް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މިއަދު ހެނދުނު އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި އެކޮލެޖްގެ ފެކަލްޓީ އޮފް ރިސަރޗް އެންޑް އިނޮވޭޝަންސްގެ ނަން "ސެންޓަރ ފޯރ ރިސަރޗް އެންޑް އިނޮވޭޝަންސް "އަށް ބަދަލުކުރައްވިކަން ޢިއްލާން ކުރެއްވުމަށްފަހު ރަސްމީގޮތުން ރިސަރޗް ގްރާންޓް ސްކީމް އިފްތިތާޙްކޮށްދެއްވީ އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ.

މިރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ޗެއަރމަންއަށް ލަފާ ދެއްވަވާ ޚާއްސަ މުޝީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އާއި އެވިޑް ކޮލެޖްގެ ސްޓެރެޓެޖިކް ޕްލޭން ތައްޔާރުކުރެއްވެވި ކޮންސަލްޓެންޓް ކަމުގައިވާ ޑރ. އަޙްމަދު ޢަލިމަނިކު ބައިވެރިވެ ވަަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން އެވިޑް ކޮލެޖްގެ އެކަޑެމިކް ސްޓާފުންވެސް މިހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެވިޑް ކޮލެޖްގެ ޗެއަރމަން ހާމަކުރެއްވިގޮތުގައި މިއީ އެވިޑް ކޮލެޖްގެ ތާރީޚްގައި ލިޔެވި ފާހަގަވެގެންދާނެ އުފާވެރި ދުވަހެއްކަމަށާއި މިއަދު ފެށިގެންމިދަނީ ވަރަށް މުހިންމު ކަމެއްކަމަށާއި މިކަމުގެ ސަބަބުން ޢިލްމީ ދިރާސާތައްކުރައްވާނޭ ބޭފުޅުންތަކެއް އަލަށް އުފެދި ނުވަތަ އިތުރުވެ އެބޭފުޅުންގެ ދިރާސާތަކުގެ ސަބަބުން މުޅިމުޖުތަމައުއަށް ނުހަނު ފައިދާކުރާނެކަމަށެވެ. އަދި ޚާޢްޞަކޮށް އެވިޑް ކޮލެޖަށާއި އަދި އެވިޑް ކޮލެޖްގެ ސްޓާފުންނަށާއި ދަރިވަރުންގެ ކުރިއެރުމަށް އިތުރުމަގެއް ކޮށިގެން ދާނެއެވެ. އެމަނިކުފާނު ވިދާޅުވީ އެވިޑް ކޮލެޖްގެ ރިސަރޗް ގްރާންޓް ސްކީމް މިވަގުތަށް ޚާޢްސަކުރެވިފައިވަނީ ހަމައެކަނި އެވިޑް ކޮލެޖްގެ ސްޓާފުންނަށް ކަމުގައިވިޔަސް ކުރިއަށް އޮތް ދުވަސްތަކުގައި މިސްކީމް ފުޅާކޮށް ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މިސްކީމްގެ ދަށުން އެވިޑް ކޮލެޖްގައި މަސައްކަތްކުރައްވާ ސްޓާފުންގެ ތެރެއިން މާސްޓަރސް ފެންވަރުގެ ބޭފުޅުންނާއި މާސްޓަރސް ފެންވަރުގެ ކޯހެއްގައި މަތީ ތަޢުލީމު ޙާޞިލްކުރައްވަމުންގެންދަވާ ބޭފުޅުންނަށް ، އެވިޑް ކޮލެޖްގައި ހިންގާ އެކަޑެމިކް ކޮންމެ ޕްރޮގްރާމަކާ ގުޅޭ ގޮތުން ހައްދަވާ ރިސަރޗްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުން މިކަމާގުޅޭ ހުރިހާ މަޢުލޫމާތެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ޕޮލިސީގެ ދަށުން އެޕްރޮޕޯސަލްއަށް ފަންޑުކުރެވޭނެއެވެ. އެވިޑް ކޮލެޖްގެ ރިސަރޗް ގްރާންޓަކީ އެވިޑް ކޮލެޖްގެ ސެންޓަރ ފޯރ ރިސަރޗް އެންޑް އިނޮވޭޝަންގެ ބެލުމުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.