ކޮންމެ އަހަރަކު ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބޭނުންކުރުމުގައި ބަަލައިގެން ނުވަތަ އިގްތިސާދު ކުރާ ގެތަކުގެ ކަރަންޓު ބިލުން 15 ޕަސެންޓް ވަރު ކުޑަވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ކޮންމެ އަހަރަކު ކުރިއަށް ގެންދާ "ސޭވް އެނަރޖީ" ކެމްޕެއިނާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ ކަރަންޓު ބޭނުން ނުކުރާ ވަގުތުތަކުގައި އިލެކްޓްރޯނިކް ސާމާނު އޮންކޮށްފައި ބެހެއްޓުމުގެ ސަބަބުން ބޭކާރު ފައިސާ ޚަރަދުވާ ކަމަށެވެ. އެހެންކަމުން ބޭނުންނުކުރާ ވަގުތުތަކުގައި އޮފްކޮށްފައި ބެހެއްޓުން ވަރަށް މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އެއްވެސް ބަޔަކު ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ކުރާކަށް އަޅުގަނޑުމެން ބޭނުމެއްނުވޭ. ކަރަންޓު ބޭނުންކުރުމުގައި ސަމާލުކަންދެއްވާ ނަމަ ފަނަރަ ޕަސެންޓާއި ވިހި ޕަސެންޓަށް ވެސް ބިލް ކުޑަކުރެވިފައި އެބަހުރި،" އެމްޑީ ވިދާޅުވިއެވެ. ސްޓެލްކޯގެ ބޭނުމަކީ ރައްޔިތުން އަތުން ފަައިސާ ނެގުމުގެ ބަދަލުގައި ބިލްކުޑަވާނޭގޮތް ކިޔައި ދެއްވައި އެގޮތަށް މަސައްކަތް ކުރުމަށް ހިތްވަރު ދެއްވުން ކަމަށް ވެސް މެނޭޖިންޑިރެކްޓަރ(އެމްޑީ) މުޣުނީ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުޣުނީ ވިދާުޅުވީ ކަރަންޓުބިލް ކުޑަކުރުމާބެހޭ ގޮތުން މީހުން ހޭލުންތެރި ކުރުމަށްޓަކައި ކަރަންޓް އެންމެ ބޮޑަށް އިގުތިސާދުކުރާ ފަރާތްތަކުގެ މެދުގައި ޚާއްސަ ޕްރޮމޯޝަނެއް ފެށުމަށެވެ. އެ ޕްރޯމޯޝަނުން ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވެސް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މިކަންކަމާ ގުޅިގެން އާންމުން ހޭލުތެރިކުރުމަށް މީޑިއާގެ ބޭނުން ކޮށްގެން ޚާއްސަ ހަރަކާތްތައް ބޭއްވުމަށް ވެސް ވަނީ ނިންމައިފައެވެ. ޚާއްސަ ލޕށް ސޯޝަލްމީޑިއާގައި މިކަމާބެހޭ މަޢުލޫމާތު ވަރަށް ހަރަކާތެރި ކަމާއެކު ކުރިއަށް ގެންދަވާނޭ ކަމަށް މުޣުނީ ވިދާޅުވިއެވެ. އޭގެ އިތުރުން މާލޭގެ ތަފާތު އެކި ސަރަހައްދުތަކުގައި ބިލްބޯޑުތައް ވެސް ބަހައްޓާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. ކަރަންޓާ ބެހޭ މައުލޫމާތު ދިނުމަށްޓަކައި ކުޑަކުދިންނާއި އެކުދީންގެ ބެލެނިވެރިންނަށް ޚާއްސަ ކޮށްގެން ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަވާނޭ ކަމަށް އެމްޑީ މުޣުނީ ވިދާޅުވިއެވެ.

ހޫނު މޫސުމާ ދިމާކޮށް ކަރަންޓު އިގްތިސާދު ކުރާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭ "ސޭވް އެނާޖީ" ކެމްޕޭން މިއަހަރު ވެސް ކުރިޔަށް ގެންދާ ގޮތަށް ސްޓެލްކޯ އިން ނިންމައިފި އެވެ.

ސްޓެލްކޯގެ "ސޭވް އެނަރޖީ" ކެމްޕެއިނަކީ އެކުންފުނީން ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެެންދާ ހަރަކާތެކެވެ. މިއީ މިކެމްޕޭން ކުރިއަށް ގެންދާ 4 ވަނަ އަހަރެވެ.