"ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމް މިއަދު ފަށައިފިއެވެ. މިއަހަރުގެ ހަރަކާތް ހިންގާފައިވަނީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ 50 މެގަވޮޓް އިންޖީނުގޭގައެވެ. މިޕްރޮގްރާމުގެ ދަށުން މިއަހަރުގެ އަމާޒަކީ 6000 ގަސް އިންދުމެވެ. " ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމްގެ ދަށުން ސްޓެލްކޯ ހިދުމަތްދޭ ހުރިހާ ރަށެއްގައި ގަސްއިންދާ މިއީ 4 ވަނަ އަހަރެވެ.

މި އަހަރުގެ ރަށްފެހި ޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އިއްޒައްތެރި މެމްބަރު، އަދި މަޖިލީހުގެ އެންވަޔަރމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު އަހްމަދު ސަލީމެވެ.

"ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހުމާން ވާހަކަ ދައްކަވަނީ: ފޮޓޯ ސްޓެލްކޯ

މި ޕްރޮގްރާމް ފެށްޓެވުމުގެ ގޮތުން ޝަރަފްވެރިމެހުމާން މެމްބަރު އަހުމަދު ސަލީމާއި، މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ އާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވަނީ ހަރަކާތް ބޭއްވި ސަރަހައްދުގައި ދިވެހި ރުށް އިންދަވައި ދެއްވައިފައެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން ކަރާ ގަސްވެސް ވަނީ އިންޖީނުގޭގެ ގޯތި ތެރޭ އިންދަވައި ދެއްވައިފައެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ފެށްޓެވި ވަރަށް މުހިންމު ޕްރޮގްރާމެއްގެ ދަށުން ސްޓެލްކޯ އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަމާޒަކީ މިއަދު ސްޓެލްކޯ ގެ ހުރިހާ މުވައްޒަފުން، ހުރިހާ އައުޓްލެޓެއްގައި ހަ ހާސް ގަސް އިންދުން ކަމަށް ވެސް ވިދާޅުވިއެވެ.

"ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެމްޑީ މުޣުނީ ވާހަކަ ދައްކަވަނީ: ފޮޓޯ ސްޓެލްކޯ

" ހަމަ އެކަނި އަހަރެމެން ކުރާ ކަމަކީ ގަސްއިންދުމެއް ނޫން. ގަސް އިންދުމުން ރަމްޒުމިކޮށްދެނީ ކުންފުނީގެ މުޅި މަސައްކަތްތައް. ކުޑަކޮށް ފެށޭ ކަންކަން ރަނގަޅަށް ބެލެހެއްޓޭނަމަ އެކަމުގެ ފަސޭހަ ކުންފުނީގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ. މިދިޔަ އަހަރު 5000ގަސް އިންދާފައިވާއިރު، މިއަހަރުގެ ގޯލަކީ 6000 ގަސް އިންދުން،" މުޣުނީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހުމާން، ހޯރަފުށީ ދާއިރާގެ މެމްބަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސްޓެލްކޯ ފަދަ ކުންފުންޏަކުން، ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވަކި ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަ ނުކުރި ނަމަވެސް އަބަދުވެސް ގަސްއިންދުން ކުރިއަށް ގެންދެވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

"ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ގަސްއިންދަނީ: ފޮޓޯ ސްޓެލްކޯ

ސަރުކާރުން 2030 އަށް އަމާޒުހިފާފައިވާ ކާބަން ނިއުޓްރަލް އަށް ވާސިލުވުމަށްވެސް ގަސް އިންދުމުގެ މުހިންމުކަން ސަލީމް ފާހަގަ ކުރެއްވިއެވެ.

ރަށްފެހި ޕްރޮގްރާމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ އާ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް އެކުލަވާލައި ފެށުމަށް ވެވަޑައިގެންފައިވާ ވައުދާ ގުޅިގެން މުޅި ރާއްޖެ ފެހި ކުރުމަށް ފެށްޓެވި ޕްރޮގްރާމެކެވެ.

ސްޓެލްކޯ "ރަށްފެހި" ޕްރޮގްރާމަކީ މިކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެކުންފުނީން ވިދާޅުވިއެވެ. މި ޕްރޮގްރާމް މެދުކެނޑުމެއްނެތި ހަމައެކަނި ކުރިއަށް ގެންދާ ކުންފުންޏަކީވެސް ސްޓެލްކޯ ކަމަށް އެކުންފުނީން ވިދާޅުވިއެވެ.

"ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު: ފޮޓޯ ސްޓެލްކޯ

ދެހާސް ނަވާރަ ވަނަ އަހަރު ސްޓެލްކޯ އިން ފެށި ރަށްފެހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ ގަސް އިންދާފައެވެ. އެގޮތުން 2019 ވަނަ އަހަރު ސްޓެލްކޯ ރަށްފެހީގައި 2000 ގަސް އިންދާފައިވެއެވެ. 2020 ވަނަ އަހަރު 3000 ގަސް އިންދާފައިވެއެވެ. ޖެހިގެން އައި 2021 ވަނަ އަހަރު ކޮވިޑްގެ ދަތިހާލަތުގައި ފުރަބަންދުވެ ތިބެން ޖެހުނަސް އެއަހަރު ވެސް ސްޓެލްކޯއިން ވަނީ ކާމިޔާބު ކަމާއެކު މި ހަރަކާތް ހިންގާފައެވެ. އެފަހަރުވަނީ 5000 ގަސް އިންދާފައެވެ.