ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭޕީ) އަކީ އިސްލާމީ އަގީދާއަށް ސިޔާސަތުތައް ބިނާކޮށްފައިވާ އެކަމަށް މަޝްހޫރުވެފައިވާ ޕާޓީއެކެވެ. ތުރުކީގެ ހާރިޖީ ސިޔާސަތުގައި ދީނަށް ވަނީ ބޮޑު ޖާގައެއް ދީފައެވެ. ލެޓިން އެމެރިކާގެ ޤައުމުތަކުން ފެށިގެން ދެކުނު އެފްރިކާއާ ހަމައަށް ހުރި ޤައުމުތަކުގައި ތުރުކީން ދަނީ މިސްކިތްތައް ބިނާކުރުމާއި، ދީނީ ތަޢުލީމަށް ފަންޑުކުރުމާއި، ޢުޘްމާނީ ތަރިކަ އަލުން އިޢާދަކުރުމާއި، ތުރުކީ އިސްލާމީ ލީޑަރެއްގެ ގޮތުގައި އެޤައުމުތަކުގައި ޕްރޮމޯޓްކުރަމުންނެވެ.

ތުރުކީން ޕްރޮމޯޓު ކުރަނީ ތުރުކީގެ ގައުމިއްޔަތާއި މައްސުނިކޮށްފައިވާ ސުނީ އިސްލާމް އެވެ. ތުރުކީން ތުރުކީ ސަގާފަތާއި ބަސް ކުރިއެރުވުމަށް މަސައްކަތްތަކެއްވެސް ކުރަމުން ގެންދެއެވެ.

މިސްކިތްތަކަށް ފަންޑުކޮށްގެން އީރާނާއި ސަޢޫދީ ޢަރަބިއްޔާއިންވެސް އެގައުމުތަކުގެ އިސްލާމްދީނުގެ އަމިއްލަ ވާޝަންތައް ފަތުރަމުން ގެންދެއެވެ. ތުރުކީވިލާތަކީ ހަމައެކަނި އިސްލާމް ދީނުގެ ބާރު އިތުރުކުރުމަށް އިސްލާމްދީން ބޭނުންކުރާ ސަރަޙައްދީ ބާރެއް ނޫނެވެ. ނަމަވެސް ތުރުކީން މަސައްކަތް ކުރަނީ ހަރުކަށި ސަލަފީ އިސްލާމަށް ވުރެ މާ މެދުމިނުގެ ސުނީ އިސްލާމީ ބަދަލެއް ދެއްކުމަށެވެ. ސަލަފީންގެ އަސާސް ކަމުގައިވާ ކޮންޒަރވޭޓިވް ހަންބަލީ ސްކޫލާ ޚިލާފަށް، ތުރުކީގައި އަމަލުކުރާ ހަނަފީ މަޒުހަބަކީ ނިސްބަތުން މިނިވަން އަދި ފިގުހު ފުޅާގޮތަކަށް މާނަކުރުމަށް އިތުރު ޖާގަ ލިބޭ މަޒހަބެކެވެ.

ތުރުކީން ދީނީ ގޮތުން މަގްބޫލުކަން ހޯދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މިސްކިތްތައް ބިނާކޮށްދެމުންނެވެ. 2015 ވަނަ އަހަރު އުރުދުޣާން ވަނީ އަލްބޭނިއާގެ ވެރިރަށް ތިރާނާގައި އެއް މިސްކިތް ހުޅުވާފައެވެ. 2016 ވަނަ އަހަރުގެ ރަބީއު މޫސުމްގައި އޭނާ ވަނީ ދުނިޔޭގެ ހުޅަނގު ބިތުގައި ހުރި އެންމެ ބޮޑު އިސްލާމިކް ކޮމްޕްލެކްސްގެ ގޮތުގައި އެމެރިކާގެ މޭރީލޭންޑްގެ މިސްކިތަކާއި ސަގާފީ މަރުކަޒު (ފޮޓޯގައި) އިފްތިތާހު ކޮށްފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އުރުދުޣާން ވަނީ ތުރުކީގެ މީހުންގެ އާބާދީ ބޮޑު ޖަރުމަނުގެ ކޮލޯން ސިޓީގައި ޔޫރަޕްގެ އެންމެ ބޮޑު މިސްކިތް ހުޅުއްވައިދެއްވާފައެވެ. އަދި އޭނާ ގެންދަވަނީ ކިއުބާއާއި ރޫމޭނިއާއާއި ވެނެޒުއޭލާގައި މިސްކިތްތައް ބިނާކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

މިމަސައްކަތުގައި އިސްވެ އުޅެނީ ތުރުކީގެ ދީނީ ކަންތައްތަކާ ބެހޭ މިނިސްޓްރީ ދަށުން އޮންނަ އިދާރާއަކުންނެވެ. އަދި މިއިދާރާގެ އިތުރުން ތުރުކީގެ އެހީދޭ ޖަމުއިއްޔާއިންވެސް ހަސްފަތާތުތަކަށް އެހީވުމާއި ބޯފެން ވަޅު ކޮނެދިނުން ފަދަ ކަންކަން އެފްރކާގައި ކޮށްދެމުން ދެއެވެ.

ސޯމާލިއާގައި ތުރުކީން އެހީދީގެން ބޮޑު ދައުރެއް އަދާ ކުރެއެވެ. ތުރުކީވިލާތުގެ ބޮޑެތި ސިޓީތަކުގައި ހަދާފައިވާ އިމާމް ޚަތީބު އިންޓަރނޭޝަނަލް ސްކޫލްތަކުގައި ދީނީ ތަޢުލީމު ޙާޞިލުކުރުމަށް އެހެން ޤައުމުތަކުގެ ދަރިވަރުންނަށް ސްކޯލާޝިޕްވެސް ދީހަދައެވެ. 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު 76 ޤައުމަކުން 1000 އަށްވުރެ ގިނަ ދަރިވަރުން މިތަންތާގައި ދީނީ ތަޢުލީމު ޙާޞިލް ކޮށްފައި ވެއެވެ. އަދި ބޭރުގައި ދީނީ ތަޢުލީމުގެ ތުރުކީ މޮޑެލް ފެތުރުމަށާއި، އެޑިޔުކޭޝަނަލް ގްރާންޓްގެ ގޮތުގައި މަދަރުސާތަކާއި ދަރިވަރުންގެ ހޮސްޓެލް ޢިމާރާތް ކުރުމަށާއި، މުދައްރިސުން ތަމްރީނު ކުރުމުގައި ޙަރަކާތްތެރި ދައުރެއް އަދާކުރަމުންވެސް ދެއެވެ.