ކީރިތި ރަސޫލާގެ ހިޖުރައިގެ ޒިކުރާ، އާކުރުމުގެ ގޮތުން، އިސްލާމީ އުއްމަތުގެ އެއްބަޔަކު އަނެއް ބަޔަކަށް ތަހުނިޔާ ފޮނުވަމުންދާ މަންޒަރު ކޮންމެ ހިޖުރީ އަހަރެއް ފެށިގެން ދާއިރު ސޯޝަލް މީޑިއާއިން ފެންނަމުން ދެއެވެ. ނަމަވެސް ގިނަ ފަހަރަށް، މިކަން ވެފައި އޮންނަނީ، ހަމަ އެކަނި، ނަމެއްގައި ކުރެވޭ ކަމަކަށެވެ. ޙަޤީޤަތުގައި މިއަދު، އިސްލާމީ އުއްމަތް ފިޔަވައި މުޅި ދުނިޔެވެސް މިވަނީ، އެކަލޭގެފާނުގެ ހިޖުރައިން ލިބިދޭ ފިލާވަޅުތަކާ މެދު ވިސްނައި ފިކުރު ކުރަން ޖެހިފައެވެ. ސަބަބަކީ، އެއީ ދުނިޔޭގެ ތާރީޚު ބަދަލުކޮށްލި ޙާދިޘާއަށް ވާތީއެވެ. އެހެން ޢިބާރަތަކުން ދަންނަވާނަމަ، އެއީ، ޝިރުކުގެ މުޑުދާރު ޢަޤީދާތަކުން އެބައިމީހުންގެ ނަފްސުތައް ހަލާކުގެ ކަނޑަށް ޣަރަޤުކުރަމުން ދިޔަ މުޝްރިކުންނާއި، ސަހަރާގެ ތެރޭގައި ދިރިއުޅެމުން ގެންދިޔަ ހަމައެއް ލަމައެއް ނެތް، ބާބޭރިއަނުން، ތަހުޒީބާއި ތަމައްދުނުގެ އެންމެ އުސް ކުރިބޯއްޓާ ހަމައަށް އުފުލައިދިނުމުގެ ބިންގާ، އޭގެ މަތީގައި އެޅިގެންދިޔަ މަތިވެރި ޙާދިޘާއެވެ.

ކީރިތި ރަސޫލާގެ ހިޖުރައިން 5 ވަނަ އަހަރުގެ ތެރޭގައި، މުޝްރިކުންނާއި ޔަހޫދީން ބައިވެގެން، މުސްލިމުންގެ ވަސް މި ބިންމަތިން ފޮހެލުމަށް، ދިހަ ހާސް ހަނގުރާމަ ވެރިންގެ ގުޅިފައިވާ ލަޝްކަރެއް، މަދީނާ އަށް ޙަމަލާ ދޭން އަންނަ ޚަބަރު ލިބުމުން، މުސްލިމުންގެ ތެރޭގައި ތިބި މުނާފިޤުންގެ ހިތްތައް ބިރުން ތުރުތުރު އަޅަން ފެށިއެވެ. ސަބަބަކީ، މުޝްރިކުންގެ މި ބޮޑު ލަޝްކަރާ ކުރިމަތި ލެވޭ ވަރުގެ ޤާބިލްކަމެއް، ހަނގުރާމަވެރިންގެ ޢަދަދާއި ވަސީލަތްތަކަށް ބަލާއިރު، މުސްލިމުންގެ ކިބައިގައި ނެތް ކަމަށް ފެންނަ ފެނުމެވެ. އެއީ، ބޭރު ފުށުން، ކަން އޮތް ގޮތް ވެސް މެއެވެ.

ކޮންމެއަކަސް މި ލަޝްކަރުގެ ޚަބަރު ކީރިތި ރަސޫލާ އަށް ލިބިވަޑައިގަތުމާ އެކު، އަޞްޙާބު ބޭކަލުންގެ މަޝްވަރާއާ އެކު، ޢަދާވަތްތެރިންގެ ލަޝްކަރަށް މަދީނާއަށް އެރެން އޮތް ދިމާގައި ޚަންދަޤެއް (ކޯރެއް) ކޮންނެވިއެވެ.

ޚަންދަޤު ކޮނުމުގެ ތެރޭގައި އަޞްޙާބު ބޭކަލުންނަށް ނުކެނޑުއްވުނު ހިލައެއްގެ ވާހަކަ، ކީރިތި ރަސޫލާ އަށް ދެންނެވުމުން، އެ ހިލައިގެ ކައިރިއަށް ވަޑައިގެން، 3 ފަހަރު ކޯރާޑިން ޖައްސަވައި ހިލަ ކުދިކުދި ކޮށްލެއްވިއެވެ.

އެކަލޭގެފާނު ކޯރާޑިން ހިލައިގައި ޖެއްސެވި ކޮންމެ ފަހަރަކު، އެ ޖެއްސެވުމުގެ ތެރެއިން އަލިކަމެއް ފާޅުވެގެން ދިޔައެވެ. އެހިނދު، ތަކުބީރު ވިދާޅުވެ ޙަދީޘް ކުރެއްވިއެވެ. [ތިމަން ކަލޭގެފާނަށް ފަހު، ތިޔަބައިމީހުން ޝާމް ކަރައާއި ފާރިސް ކަރައާއި ޔަމަން ކަރަ ފަތަޙަ ކުރާނެއެވެ.]

ކީރިތި ރަސޫލާގެ މި ބަސްފުޅުން، އީމާންކަމުގެ އަހުލުވެރިންނަށް ލިބުނީ އިތުރު ޖޯޝަކާއި ހިތްވަރެކެވެ. ނަމަވެސް މުނާފިޤުން ދިޔައީ މި ބަސްފުޅަށް ފުރައްސާރަކޮށް މަލާމާތް ކުރަމުންނެވެ. އެ މީހުން ބުނަމުން ދިޔައެވެ. [ޤައިޞަރާއި ކިސްރާ ފަދަ ރަސްރަސްކަލުންގެ ރަސްކަމާ، އަހަރުމެންނާ އަރައި އަރަފޯދިގެންވަނީ ކޮންފަދައަކުން ހެއްޔެވެ؟ ތިޔައީ، އަހަރުމެން މިފަދަ ބިރުވެރިކަމާއި، ބަނޑުހައިކަން މަތީ ބައިތިއްބައިގެން އަހަރުމެން ލައްވާ ބުރަ މަސައްކަތް ކުރުވުމަށް، މުޙައްމަދުގެފާނު އަހަރުމެންނަށް ދައްކާ އަވާމެންދުރެކެވެ.] އަދި، ތަފާތު ބަހަނާތަކާއި ޢުޒުރުތައް ދެއްކުމަށްފަހު، މި މީހުން ތިބީ، ގޭގެއަށް ވަދެ ފިލާފައެވެ.

މި ބިޔަ ލަޝްކަރު ﷲ ތަޢާލާ ބަލިކުރެއްވީ ވަޔާއި އެކު މަލާއިކަތުންގެ ލަޝްކަރެއް ފޮނުއްވައިގެންނެވެ. މި ހަނގުރާމައިގެ ވާހަކަ، އަޙްޒާބު ސޫރަތުގެ 9 ވަނަ އާޔަތުން ފެށިގެން 27 ވަނަ އާޔަތުގެ ނިޔަލަށް، އައިސްފައި ވެއެވެ.

މިފަދަ ވާހަކަތަކުން އަޅުގަނޑުމެން ޙާޞިލްކުރަންޖެހޭ ޢިބްރަތަކީ، އިސްލާމްދީނަށް ނަޞްރުލިބޭނީ ވަރުގަދަ އީމާންކަމެއްގެ މަތީގައި ތިބެ ގަދައަޅައި މަސައްކަތް ކުރާ ބައެއްގެ އަތްމަތީގައިކަމެވެ. ޢަޤީދާ ބަލިކަށި، ކަންނެތް، ހަރުދަނާކަމެއް ނެތް ބަޔަކަށް އެއްވެސް ޒަމާނެއްގައި އިސްލާމީ ރިސާލަތާއިގެން ހިންދެމި ނުލެވޭނެކަމެވެ. އެކަން ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅުން ކަށަވަރުވެ ޔަޤީންވެއެވެ.

وَعَدَ اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًاج يَعْبُدُونَنِي لَا يُشْرِكُونَ بِي شَيْئًا ج ...‎﴿٥٥﴾ (سورة النور). މާނައީ: [ތިޔަބައިމީހުންގެ ތެރެއިން އީމާންވެ، ޞާލިޙު ޢަމަލުތައްކޮށް އުޅުނު މީހުންނަށް، އެއުރެންގެ ކުރިން އުޅުނު މީހުން ޚަލީފާވެރި ކުރެއްވި ފަދައިން، ހަމަ ކަށަވަރުން، އެއުރެން ބިމުގައި ޚަލީފާވެރި ކުރައްވާނެ ކަމަށާއި، އެއުރެންނަށްޓަކައި އެކަލާނގެ ރުއްސެވި އެއުރެންގެ ދީން، ހަމަ ކަށަވަރުން، އެބައިމީހުންނަށްޓަކައި ތަމްކީން ކުރައްވާނެ ކަމަށާއި، އެއުރެންގެ ބިރުވެރިކަމަށްފަހު، ހަމަކަށަވަރުން، އަމާންކަމަކަށް އެއުރެން ބަދަލުކުރައްވާނެކަމަށް، ﷲ ވަޢްދު ކުރައްވާފައި ވެއެވެ. އެއުރެން ތިމަން ރަސްކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކޮށް، ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރެތެވެ.]