ކަރަންޓު އިގްތިސާދު ކުރުމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ސްޓެލްކޯއިން ކުރިއަށް ގެންދާ އެނާޖީސޭވިންގ ކެމްޕެއިންގެ ދަށުން މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލްޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރު ވަރަށް ކާމިޔާބު ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ ގައުމުގެ މުސްތަގުބަލް ކަމުގައިވާ ކުޑަ ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް މިއަދު ހޭދަކުރެވުނު ކަމުގައެވެ. އޭގެ އިތުރުން ރަނގަޅު ގޮތުގައި ކަރަންޓު ބޭނުން ކުރުމުގެ މުހިއްމުކަމާއި، ކަރަންޓު އިގުތިސާދު ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު އެކުދިންނަށް ދެއްވާފައިވެއެވެ. އޭގެ އިތުރުން އެކުދިންގެ ހުނަރު ދައްކާލުމާއެކު، ތަފާތު އެކި ކުޅިވަރުތަކާއި ހަދިޔާތައް ވަނީ އެކުދިންނަށް މި ހަވީރުގެ ތެރެއިން ދެއްވާފައި ކަމަށް އެ ކުންފުނީން ވިދާޅުވިއެވެ.

ޚާއްސަ މި ހަވީރުގައި ވަނީ ކަރަންޓު ހަރަދު ކުޑަ އެލްއީޑީ ބޮކި ބެހުމުގެ އިތުރުން ރޮބޯމޭންގެ ހަރަކާތްތަކާއި، ކަޕްކޭކާއި، ކުޑަކުދިންނާއި ގުޅުންހުރި އެކި ކަހަލަ ގޭމްތައް ކުޅުމުގެ ފުރުސަތުވެސް އެކުދިންނަށް ހޯދައިދީފައެވެ. އެނާޖީ ސޭވިން ކެމްޕެއިން ދަށުން މިފަދަ އިތުރު ހަރަކާތްތައްވެސް ކުރިޔަށްއޮތް ދުވަސްތަކުގައި ބޭއްވުމަށް ވަނީ ނިންމާފައި ކަމަށް އެކުންފުނީން ވިދާޅުވިއެވެ. އަދި އެ ހަރަކާތްތަކުގެ މައުލޫމާތު ސޯޝަލް މީޑިއާއާއި، މާސްމީޑިއާ މެދުވެރިކޮށް ހާމަކުރައްވަމުން ގެންދަވާނޭ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

- ފޮޓޯތައް: ސްޓެލްކޯ